މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށް މަރޮށީ ސިއްހީ މަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަރޮށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން، ރައީސް މިއަދު ވިދާޅުވީ، އަންނަ އަހަރު މަރޮށީ ޞިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށް، ސައުވީސް ގަޑިއިރު ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެކަމަށެވެ.

Ad
d

އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި މުވައްޒަފުން ހިމަނައި، މުވައްޒަފުން ލިބި ހަމަވުމުން ސައުވީސް ގަޑިއިރަށް ޚިދުމަތް ބަދަލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރައްޔިތުންނަށް ދެވޭ ސިއްހީ ޚިދުމަތް އިތުރަށް ފުޅާކޮށް، އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މުހިންމު ފިޔަވަޅެކެވެ.

ރައީސްގެ ވާހަކަފުޅުގައި، މިއަދު އެރަށުގައި ފެށި ކޮންމެ މަޝްރޫޢެއް (މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ފިޓްނަސް ސެންޓަރާއި، ފުލުހުންގެ މަރުކަޒު) ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

މިގޮތުން އެމަނިކުފާނު ވަނީ 14.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢަކީ ބިމުގެ ދަތިކަން ހައްލުކޮށްދޭނެ ވަރަށް މުހިންމު މަޝްރޫޢެއްކަމަށާއި އެއީ އެމަނިކުފާނުގެ ވަޢުދެއްކަމުގައި ވިދާޅުވެފައެވެ.

ސްކޫލްތައް އޭ.ސީ. ކުރުމުގެ މަޝްރޫޢުގެ ދަށުން، އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ކްލާސްރޫމްތަކާއި ސްޓާފްރޫމްތައް އޭ.ސީ. ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Ad
df

މަރޮށީ ސްކޫލްގެ ކްލާސްރޫމްތަކާއި ސްޓާފްރޫމްތަކުގެ އިތުރަށް ހޯލުވެސް އޭ.ސީ. ކޮށްދެއްވާނެކަމަށާއި، އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އިތުރު މަލްޓިޕަރޕަސް ހޯލެއް އެރަށުގައި ހައްދަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.