ށ. މިލަންދޫގައި އެއާޕޯޓެއް ގާއިމުކުރުމަށްޓަކައި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިލަންދޫ އަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

Ad
rt

މި މަޝްރޫޣެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ.

އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރެވެ. މި މަޝްރޫޢުގެ ބޭނުމަށް 40 ހެކްޓަރ ބިން ހިއްކަން ވަނީ ނިންމާފައެވެ.

މިލަންދޫގައި އެއާޕޯޓެއް އަޅާއިރު މި މަޝްރޫޢުގެ ތެރެއިން އެރަށުގެ މިހާރު ބަނދަރު އެހެން ތަނަކަށް ބަދަލުކޮށް ތަރައްގީކުރުން ވެސް ވަނީ ހިމަނާފައެވެ.

މިއީ ރައީސްގެ ށ. ދަތުރުފުޅުގައި ތަރައްގީކުރުމަށް ހަވާލުކުރެވުނު 3 ވަނަ އެއާޕޯޓެވެ. އިއްޔެ ބިލެތްފަހީ އެއާޕޯޓް އަޅަން ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ މަސައްކަތާއި، ރޭގައި ކޮމަންޑޫ އެއާޕޯޓު އަަޅަން ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ވެސް ވަނީ އެމްއޭސީއެލް އާއި ހަވާލުކޮށްފައެވެ.

އެއަތޮޅުގައި މިހާރު އެއް އެއާޕޯޓު އޮވެއެވެ. އެއީ ވެރިރަށް ފުނަދޫގައި އޮންނަ އެއާޕޯޓެވެ.