ށ. ކޮމަންޑޫގައި ބިންހިއްކައި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެން، އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.
މި މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ރަންވޭ އެޅުމާއި، ޓާމިނަލް ޢިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. އަދި އެއަރޕޯޓް ހިންގުމުގެ އެންމެހައި މަސައްކަތްތައްވެސް ކުރިއަށްގެންދާނީ އެމްއޭސީއެލުންނެވެ.
އިއްޔެ ވަނީ އެ އަތޮޅު ބިލެތްފަހީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރަން ވެސް އެމްއޭސީއެލްއާ ހަވާލުކޮށްފައެވެ.
ށ. އަތޮޅުގައި މިވަގުތު އޮތީ އެއް އެއާޕޯޓެވެ. އެއީ އެރަށު ވެރިރަށް ފުނަދޫގައި އޮންނަ އެއާޕޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!