މިއަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލެބޯޓަރީ ޚިދުމަތް ޤާއިމުކުރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

Ad
d

ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރު ތެރޭގައި، އެއީ މިހިނގާ އަހަރާއި އަންނަ އަހަރާ، ދެ އަހަރު ތެރޭގައި، ލެބޯޓަރީ ޚިދުމަތް ޤާއިމުކޮށް ނިންމަވާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ނޫމަރާގައި ލެބޯޓަރީއެއް ޤާއިމުކުރުމަށް ފިޒިކަލީ އިމާރާތެއް ނުވަތަ ޖާގައެއް މިހާރުވެސް އެބަހުއްޓެވެ. ބޭނުންވަނީ ތަކެތި އިންސްޓޯލްކޮށް، މުވައްޒަފުން ތަމްރީނުކުރުން ނުވަތަ މުވައްޒަފުން ހަމަޖެއްސުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަމަށް އިސްކަންދެއްވައި، ނޫމަރާގައި ލެބޯޓަރީގެ ޚިދުމަތް، އެރަށުގައި ޓެސްޓުތައް ހެދޭނެގޮތް ހަމަޖައްސައިދެއްވާނެކަމަށް ރައީސް ޔަގީންކަން ދެއްވިއެވެ. މާގިނަ ދުވަހެއް ނުވެ، ބޭސިކް ޓެސްޓުތައް ހެދުމަށް އެހެން ރަށަކަށް ދާންޖެހޭ ޖެހުން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށާއި، ނޫމަރާ ހެލްތު ސެންޓަރުގައި ލެބޯޓަރީ ޚިދުމަތް ތަކެތީގެ ގޮތުންނާއި، މުވައްޒަފުންގެ ގޮތުން ވަރަށް އަވަހަށް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަންނަ އަހަރުގެ ނިޔަލަށް، އެރަށުގެ ނިސްބަތުން ހެދޭނެ ޓެސްޓުތައް، ހެލްތު މިނިސްޓްރީން ކަނޑައަޅާ ސްޓޭންޑަޑަކާ އެއްގޮތަށް ޤާއިމުނުކުރާ އެންމެ ރަށެއްވެސް ނުހުންނާނެ ކަމަށް ރައީސް ޔަގީންކަން ދެއްވިއެވެ.

''ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި ދެންނެވިހެން، މި އަންނަ އަހަރުގެ ނިޔަލަށް ދާއިރުގައި ނުހުންނާނެ، ހަމަ ޔަޤީން އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިމޭއިރަކު ނުހުންނާނެ ރާއްޖޭގައި އެންމެ ރަށެއްވެސް، އެ ރަށުގެ ނިސްބަތުން، އެ ރަށުގައި ހެދޭނެ ޓެސްޓުތައް، އެ ޓެސްޓުތައް ހެދޭނެގޮތް ޤާއިމުނުކުރާ ރަށެއް ނުހުންނާނެ. ހެލްތު މިނިސްޓްރީން ކަނޑައަޅާ ސްޓޭންޑަޑެއް އޮންނާނެ. އެ ޔަޤީންކަން އަޅުގަނޑު ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ދެން.'' ރައީސް ވިދާޅުވެފަވެއެެވެ.

Ad
df

އެމަނިކުފާނު ވިދާޅުވީ، މިއީ އެމަނިކުފާނު ކުރިންވެސް ދެއްވި ޔަގީންކަމެއް ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރަށަކަށް ކަންތައްތައް ކޮށްދިނުން ކަމަށެވެ.