ށ. ގޮއިދޫ އަދި ށ. ކަނޑިތީމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.

ސަރުކާރުން މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަނޑިތީމަށާާއި ގޮއިދޫ އަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

Ad
rt

މިގޮތުން މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، އެ ދެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ދަށުން އާރުޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޒީމްއެވެ.

ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށެވެ.

މިގޮތުން ޒަމާނީ ފެންވަރުގައި މަގުތައް ތަރައްޤީކުރާ އިރު ބައެއް ރަށްރަށުގައި ތާރު އަޅައިގެން ތަރައްޤީކުރުމުގެ ބަދަލުގައި، ލޯކަލް ޓުއަރިޒަމް ހިންގަމުންދާ ރަށްތަކުގައި ވެލި މަގުތައް ބޭއްވުމަށްފަހު ފެންބޮޑުވުން ފަދަ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ވެހިކަލްތަކާއި މަގު މަރާމާތުކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ބައެއް ކައުންސިލްތަކުން ހުށަހަޅާކަމަށް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.