ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2025" މިރޭ ރަސްމީކޮށް ފަށާނެއެވެ.
މި މުބާރާތް މި އަހަރު އޮންނަނީ ށ. ކަނޑިތީމުގައެވެ.
މި މިބާރާތުގެ ފުރަތަަމަ މެޗު، ނޫމަރާ އާއި ފޭދޫ މެޗު މިއަދު ހަވީރު 16:15 ގައި ފަށާފައިވާއިރު، މި މުބާރާތް ރަސްމީކޮށް ހުޅުވުން އޮންނާނީ މިރެއެވެ. މި ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މި ރަސްމިއްޔާތުގައި ހަވާއެރުވުން ވެސް އޮންނާނެއެވެ.
މި މުބާރާތް ރަސްމީކޮށް ހުޅުވާ މެޗުގައި ކުޅޭނީ ކަނޑިތީމާއި ފީވަކެވެ. އަދި މިރޭ މާއުނގޫދޫ އާއި މިލަންދޫގެ މެޗު ވެސް އޮންނާނެއެވެ.
މިރޭގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ރާއްޖޭގެ މަޝްހޫރު ކުޅިވަރު ސަޚްޞިއްޔަތު މައުރޫފް އަހްމަދު (މާއްޓޭ) އެވެ.
މި ރަސްމިއްޔާތުގައި ހަވާއެރުވަން ހަމަޖެހިފައިވާއިރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން މިއަދު ބުނީ ކަނޑިތީމުގައި ހަވާ އެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 އާއި 21:30 އާ ދޭތެރޭގައެވެ.
އެ ރަށުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. މި ރަސްމިއްޔާތުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 3 މިނެޓް ހާއިރަށްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!