އެމްޑީޕީގެ ދެވަނަ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ތިން މެންބަރުންނަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވާފައިވަނީ އެއްވެސް އަސާސެއް ނެތި ސިޔާސީ ބޭނުމެއްގައި ކަމަށް އެމްޑީޕީން ބުނެފިއެވެ.
އޭސީސީން ޗިޓު ފޮނުވާފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން ކުރީގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއީލް އާއި ޤައުމީ މަޖިލީހުގެ މެންބަރު ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ އަށެވެ. މި މައްސަލައަކީ އެ ތިން ބޭފުޅުން ކުރިން ހިމެނިވަޑައިގެންނެވި ކޮމިޓީއަކުން ދީފައިވާ ލަފައަކާ ގުޅޭ މައްސަލައެއް ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނާ ގޮތުގައި މި މައްސަލައަކީ ކުރީގެ ސަރުކާރުން (ރައީސް އަބުދުއްﷲ ޔާމީން އަބުދުލްޤައްޔޫމްގެ) ބޭއިންސާފުން އެއްބަސްވުންތަކެއް ބާތިލުކޮށްފައި ވުމުގެ ސަބަބުން ދައުލަތަށް ކުރިމަތިވި ދަޢުވާތަކެއްގެ މައްސަލައެކެވެ. ރައީސް އަބުދުއްﷲ ޔާމީން އަބުދުލްޤައްޔޫމްގެ ސަރުކާރުން، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެކު ހަދައިފައިވާ އެއްބަސްވުންތައް ބާތިލުކުރީ އެއްވެސް ޤާނޫނީ ހަމައެއް ނެތި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނާ ގޮތުގައި ސްވިފްޓް އިންޖިނިއަރިންއިން ބަދަލު ހޯދުމަށް އެދި ހުށަހެޅީ، އެ ކުންފުނީގެ ކިބައިން ވަކިކުރި 6 ޕްރޮޖެކްޓެއްގެ ތެރެއިން، 4 ޕްރޮޖެކްޓެއްގެ އަގަށްވާ ވަރަށް މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފިނަމަ، އަނެއް 2 ޕްރޮޖެކްޓުން ގެއްލިގެން ދިޔަ މާލީ މަންފާގެ ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް އިތުރު ދައުވާއެއް ނުކުރާނެ ކަމަށެވެ.
އެމްޑީޕީން ބުނީ ސިޔާސީ ފަރާތްތަކަށްޗިޓު ފޮނުވަމުން ދަނީ ބިރު ދެއްކުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!