ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރައްވައިފިއެވެ.

މިކަން އިޢުލާންކުރައްވާފައިވަނީމި މިއަދު ނެރުއްވި ރައީސްގެ ޤަރާރަކުންނެވެ.

Ad
rt

2019 ވަނަ އަހަރު އުފެއްދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ މަޤްޞަދުގައެވެ.

މި ބަދަލުގެންނަވައި ނެރުއްވި ރައީސްގެ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުންފުނީގެ ނަން ބަދަލުކުރުމަށް ނިންމަވާފައިވަނީ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައެވެ.

މި ބަދަލާއެކު، ކުންފުނިން އަދާކުރާނީ ސަރުކާރުގެ ޓެކްނޯލޮޖީ އާއި އިނޮވޭޝަންގެ ކުންފުނީގެ ދައުރެވެ. އަދި ދިވެހިރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގާނެ އިސް ބައިވެރިއެއްގެ ގޮތުން ހަރަކާތްތެރިވާނެއެވެ.

ކުންފުނީގެ ނަން ބަދަލުކުރުމުގެ އެއް މަޤްޞަދަކީ ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ "މޯލްޑިވްސް 2.0" ގެ ތަޞައްވުރާ އެއްގޮތަށް ބައްޓަންކުރުމެވެ.

މިއީ އިސްތިރާޒީގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.