ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު އޭޕްރަން ބޭނުންކުރަން ފަށައިފިއެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން ބުނީ، އެ އެއާޕޯޓުގެ ކުރީގެ އޭޕްރަން ބަންދުކޮށް، އައު އޭޕްރަން ރަސްމީކޮށް ބޭނުންކުރަން ފެށީ އާދީއްތަ ދުވަހު ކަމަށެވެ.

Ad
rt

އަލަށް ހެދި އޭޕްރަންއަކީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނިފައިނުވާ ކަމެއް ނަމަވެސް ރައީސް ގެ އިރުޝާދުފުޅުގެ ދަށުން މިހާރުން މިހާރަށްވެސް ކުންފުންޏަށް އާމްދަނީ އިތުރުކުރެވޭނެ މަގެއް ހުޅުވުމުގެ ގޮތުން އައު އޭޕްރަންއެއް ހެދީ ކަމަށް އާރުއޭސީއެލުން ބުނެއެވެ.

އާރުއޭސީއެލުން ބުނީ، 42،000 އަކަފޫޓުގެ މި އޭޕްރަން ހާއްސަ ކުރާނީ ޖެޓް ޕާކިން ފެސިލިޓީއެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެ ތަނުގައި އެއްފަހަރާ ހަ ޖެޓަށް ޕާކު ކުރެވޭނެ ކަމަށް ބުންޏެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން އެ ސަރަހައްދު ބޭނުންކުރާނީ އައިސޮލޭޝަންބޭއެއްގެ ގޮތުގައި ކަމަށް ވެސް އާރުއޭސީއެލުން ބުންޏެވެ.

ހަނިމާދޫ އެއާޕޯޓުގައި އާ އޭޕްރަންއެއް ހަދައި ބޭނުން ކުރަން ފެށި އިރު، އެ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް ހެދި 2،460 މީޓަރު ރަންވޭގެ ތެރެއިން ނިމުނު 1،200 މީޓަރު ހުޅުވައި، މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ވަނީ ބޭނުން ކުރަން ފަށައިފައެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ އޭ 320 އާއި ބޮއިންގް 737 ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭގޮތަށެވެ.