އަންހެނުންނަކީ ސުލްހަ މަސަލަސްކަން ޙިމާޔަތްކޮށް، މުޖުތަމަޢުގައި ޤާބިލުކަން އިތުރުކޮށްދޭ ވަރުގަދަ ރަމްޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ހެނދުނު ބޭއްވުނު "މޯލްޑިވްސް ވިމެން އިން ޕޮލީސިންގް ސަމިޓް 2025" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، ސިފައިންނާއި ކަސްޓަމްސްއާއި، އިމިގްރޭޝަނާއި އަދި މިނޫންވެސް، ޔުނިފޯމުއަޅައިގެން ޚިދުމަތްކުރާ ދާއިރާތަކުގައި އަންހެނުންގެ ދައުރު ވަރަށް ތަފާތުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ސައިބަރ ކްރައިމްއާއި، އިންސާނީ ވަގުފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކާރިޘާތަކާއި، ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތައް ފަދަ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ސަލާމަތާ ގުޅުންހުރި މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެއްވިއެވެ. މި ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމުކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުށުގެވެށިން އަނިޔާލިބެމުންދާ މީހުންނަށް، ވަކިން ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދިންނަށް، އިތުބާރުކުރެވޭ މަންދޫބަކު ފެނުމުން، މުޢާމަލާތްކުރުމުގެ ފުރުޞަތު އިތުރުވެގެންދެއެވެ. އަދި ހަމަހަމަކަމާއެކު އަންހެނުން ބަލައިގަންނަ މާހައުލެއް ގާއިމް ކުރުމަށް މަސައްކަތްކުރެއްވުމަށް ސަމިޓުގެ ބައިވެރިންނަށް ހިތްވަރު ދެއްވިއެވެ.
"އެމްޕަވަރޑް ވިމެން: ސޭފަރ ކޮމިއުނިޓީސް" މިޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "މޯލްޑިވްސް ވިމެން އިން ޕޮލިސް ޗެލެންޖް" ގެ ރަމްޒީ "ފައިސާ" ފޮއްޗެއް ތަޢާރަފްކޮށްދެއްވާފައެވެ. މި ސަމިޓަކީ ސަލާމަތީ ދާއިރާތަކުގައި އަންހެނުންގެ ކުރިއެރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!