ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކެއުޅުންނާ ބައްދަލުކުރައްވައި، މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި، ކެއުޅުން ވަނީ މަސްކިލޯއެއްގެ އަގު 20 ރުފިޔާއަށް ބޮޑުކުރުމާއި، އެންވެރިކަމުގެ ދަތިކަމާއި، ބީއެމްއެލް މެދުވެރިކޮށް ލޯނު ހޯދުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސްގެ މައްސަލަތަކާއި، މިފްކޯގެ ކައްޓާތައް ޑިޖިޓަލް ކައްޓާތަކަށް ބަދަލުކުރުންފަދަ މުހިންމު ކަންކަން ރައީސާ ހިއްސާކޮށްފައެވެ.

Ad
rt

މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރެވޭނެ އިންތިޒާމު ހަމަޖެހުމުން މަސްގަންނަ އަގު ބޮޑުކުރެވޭނެ ކަމަށެވެ. އަދި ބޭންކް ލޯނު ނެގުމުގެ އުސޫލުތައް ލުއިކޮށް، ލިޔެކިޔުންތައް މަދުކުރެވޭތޯ މަސައްކަތްކުރައްވާނެ ކަމަށާއި، ވ. އަތޮޅުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުތައް މަސްވެރިންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އެސްޓީއޯއިން ތެޔޮ ވިއްކާ އަގުގައި ކޮންމެ އަތޮޅަކަށް ތެޔޮ ލިބޭނެ އިންތިޒާމު 2026 ވަނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ހަމަޖައްސަވާނެ ކަމަށާއި، މިފްކޯއިން ވެސް ތެޔޮ ވިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމުގެ މަޢުލޫމާތު ރައީސް ދެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ވީހާވެސް އަވަހަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށާއި، ސަރުކާރުން މި ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ.

މިއީ ރައީސް ޑރ. މުޢިއްޒު، އެމަނިކުފާނުގެ ވެރިކަމުގައި މި ހޭދަވީ 20 އަކަށް މަސްދުވަހުގެ ތެރޭގައި ކެއުޅުންނާ ބައްދަލުކުރެއްވި ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.