ށ.ފޭދޫގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރި އޮޕަރޭޝަނެއްގައެވެ.

Ad
rt

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނިގޮތުގައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ވާ ބުދަ ދުވަހުގެ ވަގުތެއްގައި ށ.ފޭދޫގައި ހުންނަ ގެއަކަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ބަލައި ފާސްކޮށްފައިވެއެވެ. މި ގޭތެރެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ ދެ ކަރުދާސް ކޮޅަކާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މީގެ އިތުރުން، މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ ފައިސާވެސް އެ ތަނުން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ށ.ފޭދޫ، ސައިމަގޭ، މުޙައްމަދު މުޞްތަފާ (41އ) އާއި ށ.ފޭދޫ، ލައިޓްހައުސް، ފާތިމަތު ނައިލާ (35އ) އެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު މުޞްތަފާ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް ފާތިމަތު ނާއިލާ 7 ދުވަހަށް ބަންދުކުރުމަށް އަމުރުކުރިނަމަވެސް، އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ފަހުން ވަނީ ދޫކޮށްލާފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފޭދޫން ހައްޔަރުކޮށްފައި ވަނީ ދެމަފިރިންނެވެ. އެތަނުން ފިރިހެން މީހާއަކީ އެރަށު ކައުންސިލްގެ ކުރީގެ ރައީސެވެ. އޭނާ މިހާރު ވަޒީފާ އަދާކުރަމުންއަންނަނީ ފެނަކައިގައެވެ.