މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ ތަމްވީލް އިކޮންކުއެސްޓް ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ދިވެހި ޒުވާނުން އިޤްތިޞާދީ އެކިއެކި މައުޟޫތަކަށް ޚިޔާލުފާޅުކޮށް، އިލްމީ ނަޒަރަކުން މާލީ ކަންކަން ދެނެގަތުމަށް ބާއްވާ މުހިންމު މުބާރާތެކެވެ.

Ad
rt

ގްރޭޓަރ މާލެ ސަރަޙައްދުގެ ތަޢުލީމީ މުއައްސަސާތައްކަމުގައިވާ ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުގެ 16 އަހަރާއި 25 އަހަރާ ދެމެދުގެ ދަރިވަރުންނަށް ބައިވެރިވެވޭ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ކުރިމަގުގެ ލީޑަރުންގެ މެދުގައި މާލީ އަދި މަދަނީ ހޭލުންތެރިކަން އިތުރުކުރުމެވެ. މުބާރާތުގައި ބަހުސްކުރެވޭނީ މާލީ ދާއިރާ، މޫސުމަށް އަންނަ ބަދަލުތައް، ޑިޖިޓަލް ފައިސާ އަދި އިސްލާމީ އިޤްތިޞާދު ފަދަ މުހިންމު މައުޟޫތަކުގެ މައްޗަށެވެ.

އިނގިރޭސި ބަހުން ކުރިއަށްދާ މި މުބާރާތުގައި، ކޮންމެ ބައިވެރިއަކަށް 5 މިނެޓުގެ ވަގުތު ދެވޭނެއެވެ. އަދި ކޮންމެ ބަހުސަކުގެ ކުރިން 30 މިނެޓުގެ ތައްޔާރުވުމުގެ ވަގުތު ލިބޭނެއެވެ. މުބާރާތުގައި ޗެމްޕިއަން ޓީމަށް 8،000 ރުފިޔާ، ރަނަރަޕް ޓީމަށް 5،000 ރުފިޔާ އަދި އެންމެ މޮޅު ވާހަކަދެއްކުންތެރިޔާއަށް 2،000 ރުފިޔާ ގެ އިނާމު ހުށަހަޅާފައިވެއެވެ.

އެމްއެމްއޭއިން ފާހަގަކުރާ ގޮތުގައި މި މުބާރާތުގެ މަޤްޞަދަކީ ހަމައެކަނި ވާހަކަދެއްކުމުގެ ހުނަރު ތަރައްޤީކުރުމެއް ނޫނެވެ. މީގެ އިތުރުން، ދުނިޔޭގެ އިޤްތިޞާދީ ގޮންޖެހުންތައް ދިރާސާކޮށް، ދެމެހެއްޓެނިވި މާލީ މުސްތަޤްބަލަކަށް އައު އުފެއްދުންތެރި ޙައްލުތައް ހުށަހެޅުމަށް ދަރިވަރުން ބާރުވެރިކުރުވުމެވެ.

މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން، 3 އާއި 5 އާ ދެމެދުގެ މެންބަރުން ހިމެނޭ ޓީމެއް އެކުލަވާލައި، 30 ސެޕްޓެމްބަރު 2025 ވާ ދުވަހުގެ ރޭ 11:59 ގެ ކުރިން https://shorturl.at/wZhEP މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.