ށ. އަތޮޅުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން "ޓްރޭނިންގ އިން ބޭސިކްސް އޮފް ޓޮބޭކޯ ސިޒޭޝަން" ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ.

މި ތަަމްރީނު ޕްރޮގްރާމަކީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި، ށ. އަތޮޅު ހޮސްޕިޓަލާއި ގުޅިގެން ށ. އަތޮޅުގައި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Ad
rt

މިގޮތުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ހުނަރު ދަސްކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މުޅި ޖުމްލަ 22 ބައިވެރިން މި ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގެ މަޤުސަދުތަކުގެ ތެރޭގައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް އަމަލުކުރުމުގެ މުހިއްމުކަމާއި އަދި، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ފަރުދުންނަށް އެހީތެރިވުމުގައި އެމީހުންގެ ދައުރު އެންމެ ބޭނުންތެރިގޮތުގައި ބޭނުންކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދިނުންވެސް ހިމެނުނެވެ.

އެގޮތުން އަތޮޅު ފެންވަރުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ލޯކަލް ކައުންސިލްތަކާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ކަމާބެހޭ އެހެން އިދާރާތަކުގެ ޒިންމާދާރުވެރިންނަށް އެންފޯސްމަންޓް ޕާޓްނަރުންނާއެކު ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އަދި މި ބައްދަލުވުމުގައި ށ. އަތޮޅުގެ ހުރިހާ ހިސާބެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

މި ތަމްރީނު ޕްރޮގްރާމަކީ އާންމު ޞިއްޙަތު ރައްކާތެރިކޮށް، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި އެއްގޮތަށް ދުންފަތުގެ އިސްތިޢުމާލު ނުކުރާ ރާއްޖެއަށް "ޓޮބޭކޯ ފްރީ މޯލްޑިވްސް" އެއް ބިނާކުރުމަށް އަޅަމުންގެންދާ މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށްލެވެއެވެ.