ފެނަކަ ކޯޕަރޭޝަންގެ ހއ. ދިއްދޫ ބްރާންޗްގެ ސްޕަވައިޒަރެއް، އޭނާގެ އަމިއްލަ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ސެގޯ ލިލީ އިންވެސްޓްމަންޓް" އިން، ފެނަކަ ކޯޕަރޭޝަނަށް ޖުމުލަ 5,614,467 (ފަސް މިލިއަން ހަ ލައްކަ ސާދަ ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ހަތެއް) ރުފިޔާގެ ތަކެއްޗާއި ޚިދުމަތް ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ރޭގެ 12 ޖަހާކަންހާއިރު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާންމު ކުރެއްވީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މި ފައިސާގެ ތެރެއިން ގިނަ ބަޔަކީ ހއ. ދިއްދޫގައި އިންޖީނުގެ އަޅާ މަސައްކަތް ކުރި ކޮންޓްރެކްޓް މުވައްޒަފުންނަށް ދިން ކޭޓަރިންގ ޚިދުމަތެވެ. މި އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކޮށްފައިވަނީވެސް ސެގޯ ލިލީ އިންވެސްޓްމަންޓްގެ ވެރި ފަރާތް ކަމަށްވާ އެ ސްޕަވައިޒަރެވެ.

Ad
rt

އެ ފައިސާގެ ތެރެއިން 5,424,867 (ފަސް މިލިއަން ހަތަރު ލައްކަ ސައުވީސް ހާސް އަށް ސަތޭކަ ފަސްދޮޅަސް ހަތެއް) ރުފިޔާ އަކީ ދިއްދޫގައި ފެނަކަ ކޯޕަރޭޝަނުން ޢިމާރާތް ކުރަމުން ގެންދިޔަ އިންޖީނުގޭގެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ މުވައްޒަފުންނަށް ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން ހަމަޖެއްސުމަށް ސެގޯ ލިލީ އިންވެސްޓްމަންޓް އާއެކު ފެނަކަ ކޯޕަރޭޝަނުން ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ފައިސާކަމަށާއި ކޮންޓްރެކްޓް މުވައްޒަފުންނަށް ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކޮށްފައިވަނީވެސް ހއ.ދިއްދޫ އައު އިންދީނުގެ އެޅުމުގެ ޕްރޮޖެކްޓުގައި ސްޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާ ސެގޯ ލިލީ އިންވެސްޓްމަންޓްގެ ވެރި ފަރާތްކަމުގައި އެ ރިޕޯޓުގައި ބުނެފައިވެއެވެ.

"އަދި އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް ހުށަހަޅަންޖެހޭ ޚުލާޞާ ރިޕޯޓު (ކޮންމެ ދުވަހެއްގެ ވަކިވަކި ގަޑިތަކުގައި ކެއުން ފޯރުކޮށްދިން މުވައްޒަފުން އެނގޭ ގޮތަށް ތައްޔާރުކުރާ ރިޕޯޓު) ގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ޕްރޮޖެކްޓް ސްޕަވައިޒަރެއްގެ ގޮތުގައި ސޮއިކުރަނީވެސް ސެގޯ ލިލީ އިންވެސްޓްމަންޓްގެ ވެރި ފަރާތުންކަން ފާހަގަކުރެވެއެވެ."

އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ފެނަކަ ކޯޕަރޭޝަނުން އެ ރަށުގައި ޢިމާރާތްކުރާ އިންޖީނުގޭގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދޫކޮށްފައިވާ ޕެޓީކޭޝް ފައިސާއިން ޖުމުލަ 37,557 (ތިރީސް ހަތް ހާސް ފަސް ސަތޭކަ ފަންސާސް ހަތެއް) ރުފިޔާގެ ތަކެއްޗާއި ޚިދުމަތް ސެގޯ ލިލީ އިންވެސްޓްމަންޓުން ހޯދާފައިވާކަންވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވާއިރު އަދި އެ މުއްދަތުގެ ތެރޭގައި ޕެޓީކޭޝް ފައިސާ ބެލެހެއްޓުމުގެ ކަންކަމާއި ހަވާލުވެހުރި މުވައްޒަފުންގެ ތެރޭގައި ސެގޯ ލިލީ އިންވެސްޓްމަންޓްގެ ވެރި ފަރާތްވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން، މިމުވައްޒަފަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމުގައި ނުފޫޒުު ފޯރުވިދާނެފަދަ މަޤާމެއްގައި ހުރި މުވައްޒަފެއްކަމަށް ބެލެވޭތީ އާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުނުް ނުފޫޒުު ފޯރުވިދާނެ ފަދަ މަޤާމެއްގައި ހުރި މުވައްޒަފެއްގެ މަޢުލޫމާތު ޑިކްލަޔަރުކޮށްގެންވެސް މުވައްޒަފެއްގެ އަމިއްލަ ވިޔަފާރިން މުދަލާއި ޚިދުމަތް ހޯދުމުގެ ފުރުސަތުު ނެތުމުން ގަވާއިދަށް 1 ސެޕްޓެންބަރު 2019 ގައި ގެނައި އިޞްލާޙައި އެއްގޮތަށް، ފެނަކަ ކޯޕަރޭޝަން އިން ދިއްދޫގައި ހިންގި ޕްރޮޖެކްޓްތަކުގެ ބޭނުމަށް ފެނަކް ކޯޕަރޭޝަންގެ މުވައްޒަފެއްގެ އަމިއްލަ ވިޔަފާރިން މުދަލާއި ޚިދުމަތް ހޯދާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ގަވާއިދާއި ޚިލާފަށްކަން ފާހަގަކުރެވޭކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރު ނިމުނުއިރު ނުވަތަ އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 379 ޕަސެންޓް އިތުރުވެފައިވެއެވެ.

މިކަން ދިމާވީ ކުންފުންޏަށް ލިބުނު އާމްދަނީއާއި ދައުލަތުން ދިން ޓެރިފްލޮސްގެ ފައިސާ ނުފުދިގެނެއް ނޫނެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ފެނަކައިގެ މާލީ ހާލަތު ގޯސްވީ މުދަލާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ގިނަ މުއާމަލާތްތަކަކާއި، ކުންފުނީގެ މާލީ ހާލަތާ ނުބައްދަލު، އަދި އެވަގުތަށް މުހިންމު ނޫން ބޮޑެތި ހަރަދުތައް ކުރުމުގެ ސަބަބުންނެވެ.

މެނޭޖްމަންޓުންނާއި މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާދާރު ފަރާތްތަކުން ރޭވުންތެރިކަމެއް ނެތި ޒިންމާދާރުކަމެއް ނެތި އަމަލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.