ކާބަފައިންނާއި އަބުޠާލުންގެ ޖިހާދުން އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދީފައިވާ އިސްލާމްދީން، ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޢަޒުމަކަށް ހަދަންޖެހޭކަމެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ކޮޅުމަޑުލު ވޭމަންޑުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި، ރާއްޖެ އިސްލާމްވީތާ 899 އަހަރު ފުރުނު ދުވަސްކަން ފާހަގަކުރައްވައި ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި އެކުވެރި، އެއްބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އުޅެވިފައި އޮތީ އިސްލާމްދީނުގެ ސަބަބުންކަމަށެވެ. އެހެންކަމުން، ކާބަފައިންނާ އަބުޠާލުންގެ ޖިހާދުން އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދީފައިވާ އިސްލާމްދީން، ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޢަޒުމަކަށް ހަދަންޖެހޭކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. އަދި އެކަން ވާންއޮތީ އަޅުގަނޑުމެންގެ ސިކުނޑިތައް ހެޔޮގޮތުގައި ތަރައްޤީކޮށްގެންކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަރައްޤީގެ ލިސްޓުގައި ހުރި ކިތަންމެކަމެއްވެސް ކުރެވިދާނެކަމަށާއި، ނަމަވެސް އަޅުގަނޑުމެންގެ އަމިއްލަ ވިސްނުން ހެޔޮގޮތުގައި ބައްޓަންނުކުރާކަމުގައިވާނަމަ އެކަމުގެ ބޭނުމެއް ނެތްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ، އަޅުގަނޑުމެންގެ ހިތާ ސިކުނޑީގައި އިސްލާމްދީނުގެ ބިންވަޅު ނެގެންޖެހޭކަމަށާއި، މި ޤައުމަށް ލިބިފައިވާ އެންމެ ބޮޑު ފަޚްރަކީ އިސްލާމްދީންކަމުގައި ޤަބޫލުކޮށް، އިސްލާމްދީނަށް ނަސްރުދީ، އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ފޯރުކޮށްދިނުމަށް ޢަޒުމުކަނޑައެޅުމަށް އިލްތިމާސްކުރައްވާފައެވެ.

ހަމަމިއާއެކު، އިސްލާމްދީނަށް ނަސްރުދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މިރޮނގުން، ރައްޔިތުންގެ އެއްބާރުލުމާއެކު ފަޚްރުވެރި ގިނަ މަސައްކަތްތަކެއް، މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެއްވިފައިވާކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. ޒަމާނަށް ފެތޭގޮތަށް، ވަރުގަދައަށް އިސްލާމްދީން އުނގަންނައިދެއްވަން ބޭނުންފުޅުވާކަމަށާއި، އެގޮތުން އިސްލާމީ ޔުނިވަރސިޓީގެ ގޮފިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވުމާއި، ޤުރުއާންގެ ދާއިރާ ކުރިއެރުވުމަށްޓަކައިވެސް މިމޭރުމުން މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން، ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ދިވެހި ޤައުމު، އިސްލާމްދީން މަތީ ތާއަބަދުމެލެހެއްޓެވުން އެދި ދުޢާ ދަންނަވަމުންނެވެ.