ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާގައި، ނަމާދުގެ މަތިވެރިކަމާއި، ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލައިފިއެވެ.

"ނަމާދަކީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށްނަހަދާށޭ!" މި މައުޟޫއަށް ދެވުނު މި ހުތުބާގައި، ނަމާދަށް ރައްކާތެރިވުމުގެ ދުނިޔަވީ އަދި އުޚްރަވީ ފައިދާތައް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ.

Ad
rt

ހުކުރު ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، އީމާންވުމަށް ފަހު، އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދެވެ. އަދި ނަމާދަކީ ދީނުގެ ތަނބުކަމުގައި ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. ޤިޔާމަތްދުވަހު ހިސާބުބެއްލެވޭ ހިނދު، އެންމެ ފުރަތަމަ ހިސާބުބެއްލެވޭނީ ނަމާދާމެދުގައި ކަމަށާއި، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން ނުހަނު މުހިންމުކަން ވަނީ ބަޔާންކޮށްފައެވެ. އެއީ އެއާނުލައި، އެހެނިހެން ޢަމަލުތައް ޤަބޫލުވެވިގެންނުވާނޭ އަޅުކަމަކަށް ވާތީއެވެ.

ކީރިތި رسول الله صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. (إِنَّ أَوَّلَ مَا يُـحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ، فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْـجَحَ، وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ) (أخرجه أبو داود (864)، والترمذي (413)، والنسائي (465)،) މާނައީ: "ހަމަކަށަވަރުން ޤިޔާމަތްދުވަހު އެންމެފުރަތަމަ އަޅާގެ ޢަމަލުތަކުގެ ތެރެއިން ހިސާބު ބެއްލެވޭހުށީ އޭނާގެ ނަމާދާމެދުގައެވެ. އޭނާގެ ނަމާދުތައް ރަނގަޅުވެއްޖެ ނަމަ ހަމަކަށަވަރުން ނަޖާވެ ކާމިޔާބުވެއްޖެއެވެ. އޭނާގެ ނަމާދުތައް ގޯސްވެއްޖެ ނަމަ ހަމަކަށަވަރުން ގެއްލި ހަލާކުވެއްޖެއެވެ." އެހެންކަމުން މުސްލިމު އަޅާ، ފަރުޟު ފަސް ނަމާދު އަދާކޮށްފައި ހުންނާން ޖެހޭނީ، ތާހިރުކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތް ﷲއަށް ހިތްނިޔަތް ޚާލިޞްކޮށްގެންވާ ޙާލުގައެވެ.

ހުތުބާގައި ބުނެފައިވަނީ ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ނަމާދު ޤަބޫލެއް ނުކުރައްވާނެ ކަމަށެވެ.
ކާމިޔާބުވާނޭ ބަޔަކީ، ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުންކަން ފާހަގަކުރައްވައި، މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. "މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ." (سورة المؤمنون: 1-2) ހަމަ އެފަދައިން، ނަމާދު ކުރި ކަމުގައި ވިޔަސް ނަމާދުކުރުމުގައި ފަރުވާކުޑަކުރާ މީހުންނަށް ހުރީ ހަލާކުކަން އަންގަވައި މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. "ފަހެ، އެއުރެންގެ ނަމާދާ މެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކުހުށްޓެވެ." (سورة الماعون 4-5) މި ދެ އާޔަތުގެ މާނައާ މެދު ވިސްނައިލުމުން، ނަމާދުކުރާންވީ ޚުޝޫޢަތްތެރިވެ ތިބެގެންކަމާއި، ފަރުވާކުޑަކޮށް، ޣާފިލުވެ ތިބެގެން ނަމާދުކުރާ މީހުންނަށް ދަރުމައެއް ނެތްކަން ހުތުބާގައި ބަޔާންކޮށްފަވެއެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކޮށްވައިފައިވާ ގޮތުގައި، ނަމާދުގައި ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަމާ އެކު އަޅުކަން އަދާކުރާ މީހުންނަށް، އުޚުރަވީ ޙަޔާތުގައި ލިބޭނެ ސަވާބާއި ދަރުމައިގެ އިތުރަށް، އެ މީހުންގެ ދުނިޔަވީ ޢަމަލުތައް ވެސް ހެއުވެ، ޞާލިޙުވެއެވެ. އަދި ނުބައި ކަންތަކާއި، މުންކަރާތްތަކާއި، ފާފަވެރިވާ ކަންކަމުން ނަމާދު، އެބައިމީހުން ރައްކާތެރިކޮށްދޭނެ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި ކަލޭގެފާނު ނަމާދު ޤާއިމުކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ." (سورة الماعون 4-5) ނަމަވެސް، ނަމާދުކޮށް އުޅޭ މުސްލިމުންގެ ތެރޭގައި ވައްކަމާއި، ރިޝްވަތާއި، މައިންބަފައިންނަށް އުރެދުމާއި، ބުހުތާނު ދޮގުހެދުން ފަދަ ފާޙިޝު ޢަމަލުތައް ކުރާމީހުން މަދެއް ނޫންކަން ފާހަގަކުރައްވަމުން، މިއީ އަހަރެމެންގެ އަމިއްލަ ނަފުސާ ސުވާލުކުރާން ޖެހޭނޭ ކަމެއްކަން ޚުޠުބާގައި ބަޔާންކުރެވުނެވެ. އެ ސުވާލަކީ، ނަމާދު ކުރެވެނީ ޚުޝޫޢަތްތެރިކޮށް ރަނގަޅަށްހެއްޔެވެ؟ މިފަދަ ސުވާލުތައް އަމިއްލަ ނަފުސާ ކުރަންޖެހޭނެ ކަމަށް އިމާމުން އިލްތިމާސްކުރެއްވިއެވެ.

ނަމާދުގައި ޚުޝޫޢަތްތެރިކަމާއި މަޑުމޮޅިކަމާއި މަޑުމައިތިރިކަމެއް ނެތި، ހިތަށް އެރިހައި ޙަރަކާތެއްކުރަމުން، އެތަންމިތަން ބަލަމުން، ނަމާދުކުރާ މީހުންނަށް ލިބޭނީ ނަމާދުގެ ސަވާބުން ކިހައި މިންވަރެއްތޯ ޚުޠުބާގައި ސުވާލު އުފެއްދެވިއެވެ. ކީރިތި رسول الله صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ބައެއް މީހުން ނަމާދުން ފައިބާ އިރު، އޭނާއަށް އެ ނަމާދުގެ ދިހަބައިކުޅައެއްބައި، ނުވަތަ އެއަށްވުރެ މަދު މިންވަރެއް ވެސް ސަވާބުގެ ގޮތުގައި ނުލިޔުއްވެއެވެ." (ކީރިތި رسول الله صلى الله عليه وسلم)

މުސްލިމް އަޚުންނަށް ނަސޭހަތްތެރިވަމުން ޚުޠުބާގައި ވަނީ ނަމާދަކީ ތިމާގެ ޙަޔާތުގައި އެންމެ އިސްކަންދޭ އަޅުކަންކަމުގައި ހެދުމަށާއި، އެއީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށް ނެހެދުމަށް ގޮވާލާފައެވެ. އަދި ނަމާދަށް ހުންނަ އިރު، އެ ހުރެވެނީ ތިމާގެ ޚާލިޤުވަންތަ ﷲއާ މުނާޖާދަންނަވާންކަން ހަނދުމަކުރުމަށާއި، ނަމާދުގައި ހިމޭންވެ ތިބުމަށާއި، ފޭރާން ކޮށިކޮށް، އިސްތަށިގަނޑު ރީތިކޮށް، މާގިނައިން ތަންތަން ކަހައިނޫޅުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

''ތިޔަބައިމީހުން ނަމާދުގައި މަޑުމައިތިރިވެ ޚުޝޫޢަތްތެރިވާށެވެ! މާތް اللّٰهއަށް ބިރުވެތިވާށެވެ! އެ ކަމަށް ޓަކައި ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. ނަމާދަކީ ތިމާގެ ޙަޔާތުގައި އެންމެ އިސްކަންދޭ އަޅުކަންކަމުގައި ހަދާށެވެ! އެއީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށްނަހަދާށެވެ! ނަމާދަކީ އެ އަޅުކަމަށް ވަގުތު ހުސްކޮށްގެން ކުރާހިތުން ގަޔާވެގެން އޭގެ ވަގުތުގައި އަދާކުރާ އަޅުކަމަކަށްހަދާށެވެ!'' ހުކުރު ހުތުބާ

ޚުޝޫޢަތްތެރިވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން ވެސް ޚުޠުބާގައި ބުނެދީފަވެއެވެ. އެގޮތުން، ނަމާދަށް ފެށުމުގެ ކުރީން މޯބައިލް ފޯނުތައް ނިންވައިލުމަށާއި، ނަމާދުގަޑީގައި މީހުންނާ ފޯނުން ނުގުޅުމަކީ ވެސް ނަމާދަށް ތިބޭ މީހުން ޚުޝޫޢަތްތެރިވުމަށް އެހީތެރިވެދޭނެ ކަންކަން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކޮށް، ނަމާދަށް ހުންނައިރު އެ މާނަތައް ހިތަށް ގެނައުމަކީ ވެސް ވަސްވާސްތައް ދުރުކޮށް، ޚުޝޫޢަތްތެރިކަން އިތުރުކުރާނެ ކަމެއް ކަމަށް ބުނެދީފަވެއެވެ.

ނަމާދަށް ފެށުމާއެކު ނަމާދުކުރާ މީހާގެ ހިތަށް ވަސްވާސްތައް ވައްދާ ޝައިޠާނަކު ހުންނަ ކަމަށާއި، އެ ޝައިޠާނަށް "ޚިންޒަބު" ކިޔާ ކަމަށް ވެސް ޚުޠުބާގައި ބަޔާންކޮށްފަވެއެވެ. މިފަދަ ވަސްވާސްތަކުން ސަލާމަތްވުމަށްޓަކައި، ޝައިޠާނާގެ ވަސްވާހުން ރައްކައުތެރިވުމަށް އެދިވަޑައިގެން، މާތް ﷲގެ ޙަޟުރަތުގައި ދަންނަވައި، ވާތްފަރާތަށް ތިންފަހަރު ފުމެލުމަށް ހުތުބާގައި އިރުޝާދު ދީފަވެއެވެ.

ނަމާދުކުރާ ތަނުގައި، ޤިބުލައާވީ ފަޅީގައި، ތަޞްވީރުތަކާއި ކުރެހުންތައް ހުންނަ ތަކެތި ބެހެއްޓުމަކީ ވެސް ނަމާދަށް ޚަލަލު އަންނާނޭ ކަމެއް ކަމަށް ޚުޠުބާގައި ފާހަގަކޮށްފަވެއެވެ.

މި ޚުޠުބާ ގައި ވަނީ ނަމާދަށް އެންމެ އިސްކަންދީ، ޚުޝޫޢަތްތެރިކަމާއެކު ނަމާދު އަދާކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވައިލާފައެވެ. އެއީ މާތް ﷲގެ ރުއްސެވުން ލިބި، ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރުމަށްޓަކައި އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ހިމެނޭކަމަކަށް ވާތީއެވެ.