އަންނަ 2026 ވަނަ އަހަރުގެ ޔޫރޯވިޝަން މިއުޒިކް ކޮންސެޓުގައި އިޒްރޭލް ބައިވެރިވާ ނަމަ، އަޔަލެންޑް އެ މުބާރާތުގައި ބައިވެރިނުވާނެ ކަމަށް އަޔަލެންޑްގެ ޕަބްލިކް ބްރޯޑްކާސްޓަރު އާރްޓީއީން ބުނެފިއެވެ.

ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ހަނގުރާމައިގެ ސަބަބުން އިޒްރޭލް ބައިވެރިކުރުމަކީ "ޤަބޫލުކުރެވޭނެ ކަމެއް ނޫން" ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

Ad
rt

ޣައްޒާގައި މިހާތަނަށް 64،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހީ އިދާރާތަކުން ބުނާ ހިނދު، ފާއިތުވި އަހަރުތަކުގެ ޔޫރޯވިޝަން މުބާރާތްތަކުގައި އިޒްރޭލްގެ ބައިވެރިވުމާ ދެކޮޅަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. ޔޫރަޕިއަން ބްރޯޑްކާސްޓިންގ ޔޫނިއަން (އީބީޔޫ)ގެ މެންބަރެއްގެ ހައިސިއްޔަތުން އިޒްރޭލް މި މުބާރާތުގައި ބައިވެރިވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އާރްޓީއީން ބުނާ ގޮތުގައި ޖުލައި މަހު ބޭއްވުނު އީބީޔޫގެ ބައްދަލުވުމެއްގައި އިޒްރޭލްގެ ބައިވެރިވުމާ މެދު ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

"ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި އިންސާނީ ގަތުލުއާންމުތަކާއި، ނޫސްވެރިންނަށް އަމާޒުކޮށް ހަމަލީ މެރުމާއި، ބައިނަލްއަޤްވާމީ ނޫސްވެރިންނަށް އެ ސަރަހައްދަށް ވަނުން މަނާކުރުމާއި، އަދި ރަހީނުކުރެވިފައިވާ މީހުންގެ ހާލަތާ މެދު އާރްޓީއީން ވަރަށް ބޮޑަށް ކަންބޮޑުވޭ،"

އެ ބްރޯޑްކާސްޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އީބީޔޫގެ ޑިރެކްޓަރު މާޓިން ގްރީން ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން މެންބަރުންގެ ކަންބޮޑުވުންތައް އެނގޭ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމާއި ސިޔާސީ ގޮންޖެހުންތަކާ މެދު ކަންކުރާނެ ގޮތެއް ނިންމުމަށް މެންބަރުންނާ މަޝްވަރާކުރަމުންދާ ކަމަށާއި، ޑިސެމްބަރު މަހާއި ހަމައަށް ވިއެނާގައި ބޭއްވޭ މި މުބާރާތުގައި ބައިވެރިވާން ބޭނުންތޯ މެންބަރުން ނިންމަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

1965 އިން ފެށިގެން މި މުބާރާތުގައި ބައިވެރިވަމުން އަންނަ އަޔަލެންޑަކީ މުބާރާތް 7 ފަހަރު ކާމިޔާބުކޮށްފައިވާ ޤައުމެކެވެ. މިއީ ސްވީޑަނާ އެއްވަރަށް މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޤައުމެވެ.