ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ފުޓްބޯޅަ ޝްރީ ލަންކާއިން އިންތިޒާމު ކުރި ދެ މެޗުގެ ތެރެއިން ދެވަނަ މެޗު 1-1 އިން އެއްވަރުވެ، ޗެމްޕިއަންކަން ރާއްޖެއިން ހޯދައިފިއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗު ކުޅުނީ 6 ސެޕްޓެމްބަރު 2025 ގައެވެ. މި މެޗުގައި ރާއްޖެ ވަނީ 3-0 އިން ލަންކާ ބަލިކޮށްފައެވެ.
މި މުބާރާތުގެ ދެވަނަ މެޗު މިއަދު ކުޅުނުއިރު، ލަންކާ އިން ރާއްޖެ އަށް ޕްރެޝަރ ދެމުން ދިޔަނަމަވެސް، ލަންކާގެ ފަސްގަނޑުގައި ރާއްޖެއިން ވަނީ ވަރަށް ހިތްވަރާއެކު ކުޅެފައެވެ. ޚާއްޞަގޮތެއްގައި ރާއްޖޭގެ ކީޕަރ ފައިސަލް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މި މުބާރާތުގެ މިއަދު ހަވީރު ކުޅުނު ދެވަނަ ލެގު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ރާއްޖޭގެ ލަނޑު ޖަހައިދީފައި ވަނީ މެޗުގެ 67 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) އެވެ.
މި މެޗު އެއްވަރުވި ލަނޑު ލަންކާ އިން ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރެއިން ދެވަނަ މިނެޓުގައި ކެލާޓެވެ.
މި ނަތީޖާއާއެކު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ރާއްޖެ އަށް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!