ކުޅުދުއްފުށި ސިޓީ މަށި ކުޅީގައި ތަރައްޤީކުރި ވިއުވިން ޕްލެޓްފޯމަކީ ވަރަށް ހިތްގައިމު ފުރުހަމަ މަސައްކަތެކެވެ. އެ ޕްލެޓްފޯމް އިއްުޔެ ރަސްމީކޮށް ހުޅުވިގެން ދިޔުމަކީ ސިޓީގެ ރައްޔިތުންނާއި، މަށިކުޅީގެ ވެށިން އުފަލާއި ހިތްހަމަޖެހިލުން ލިބިގަތުމަށް އެ ތަނަށް ޒިޔާރަތްކުރާ މީހުންނަށް މަށިކުޅީގެ ހިތްގައިމުކަން އޭގެ އެންމެ މަތީ ދަރަޖައަށް ހޯދުމަށް ސިޓީ ކައުންސިލުން ހުޅުވާލަދިން ފަހި ފުރުސަތެއްކަން ގައިމެވެ.
އެތަން ފަރުމާކޮށްފައި ވަނީ މަށީގެ ވެށީގެ މުއްސަނދިކަން ފުރިހަމައަށް ބަލައިލެވޭނެ ގޮތަށެވެ. މި ވިއުވިން ޕްލެޓްފޯމްގެ ހިތްގައިމުކަން ގެނުވި ޑިޒައިންގެ މަސައްކަތް ކުރުމުގައި އެންމެ އިސްކޮށް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލީސް މެންބަރު ޔާސިރު އަބްދުއްލަތީފުކަން ކައުންސިލް މެންބަރ އަޙުމަދު އަބްދުالله (ރޯޒޭ) އިއްޔެ ވަނީ ފާހަގަކުރަށްވާފައެވެ. އަދި ރޯޒޭ ވަނީ މިކަމުގައި ޔާސިރު ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރަށްވާފައެވެ.
އިއްޔެ ހަވީރު ކުޅުދުއްފުށީ މަށި ކުޅީގައި ޤާއިމްކުރި ވިއުވިން ޕްލެޓްފޯމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރޯޒޭ ވިދާޅުވީ، ކުޅުދުއްފުށީ ކުޅީގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ޕްލެޓްފޯމެއް ކަމަށް މި ޕްރޮކެޖްޓްގެ މި މަސައްކަތް ފާހަގަކޮށްލެވޭކަމަށާއި، އެހެންކަމުން މިފަދަ ޕްރޮޖެކްޓެއް ނިމިގެން ދާއިރު ޝުކުރު އަދާކުރަން ޖެހޭ ގިނަ ފަރާތްތަކެއް ތިބޭނެކަމަށެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އާއި ވެވުނު އެއްބަސްވުމެއްގެ ދަށުން ސިޓީގައި ތަރައްޤީކުރި މަށިކުޅި ޕްލެޓްފޯމް، ފޮޓޯ: ސިޓީ ކައުންސިލް
އެގޮތުން ރޯޒޭ އެންމެ ފުރަތަމަވެސް ފާހަގަކޮށްފައިވަނީ ޕްލެޓްފޯމުގެ ޑިޒައިން (ކޮންސެޕްޗުއަލް ޑިޒައިން) އެއްގެ މަސައްކަތް ކުރެވިގެންދިޔައީ އިންތިހާބުގެ ތެރޭގައިކަމަށެވެ. އަދި ޑިޒައިންގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތަކީ ކުރީގެ ކުޅުދުއްފުށީ ސިޓީގެ އިތުރު ދާއިރާގެ މެންބަރު ޔާސިރު ކަމަށެވެ.
''މި ޑިޒައިންގެ މަސައްކަތުގައި އެންމެ އިސްކޮށް މީގައި ހަރަކާތްތެރިވި ފަރާތަކީ އަޅުގަނޑުމެންގެ ކުރީގެ، ކުޅުދުއްފުށީ ސިޓީގެ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް. އެހެންކަމުން މި ޑިޒައިން އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދެއްވުމަށްޓަކައި، އެޗްޑީސީ މެދުވެރިކޮށް އެ ކުރެއްވި މަސައްކަތް ފާހަގަކޮށް އެ ފަރާތައް ހައްޤު ޝުކުރު އަދާކުރަން.'' ރޯޒޭ ވިދާޅުވެފައިވެއެވެ.
ކުޅުދުއްފުށީ މަށި ކުޅީގައި ތަރައްޤީކުރި ވިއުވިންގ ޕްލެޓްފޯމް ހުޅުވައިފި
މީގެ އިތުރުން މި ޑިޒައިން އަކީ ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ ގެ ފަރާތުން ސިޓީ ކައުންސިލް އާއި ބައްދަލުކޮށް މިފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމުގެ އިންޓަރެސްޓް ފާޅުކޮށް މަސައްކަތް ފެށި ހިސާބުން މި ޑިޒައިން ވެގެންދިޔައީ ވަރަށް ބޮޑު އެހީތެރިކަމަކަށް ކަމަށާއި، ޒިގްޒެގް ގެ ފަރާތުން އެ އިންޓްރެސްޓް އާއި އެއްކޮށް ކުޅުދުއްފުށީ ރައްޔިތުންނަށް މިފަދަ މަސައްކަތެއް ކޮށްދެއްވާފައިވާތީ އެ ނެންގެވި އިސްނެގުން ފާހަގަކޮށް، ޒިގްޒެގް ފޯ ޔޫތް ލިންކޭޖުގެ ޗެއަރމަން، އެކްސްކޯ އަދި ފައުންޑަރ މެންބަރުން ހިމެނޭހެން މުޅި ޒިގްޒެގް ކޮމިއުނިޓީއަށް ރޯޒޭ ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އާއި ވެވުނު އެއްބަސްވުމެއްގެ ދަށުން ސިޓީގައި ތަރައްޤީކުރި މަށިކުޅި ޕްލެޓްފޯމް ހުޅުވުން، ފޮޓޯ: ސިޓީ ކައުންސިލް
ރޯޒޭގެ ޝުކުރުގެ ލިސްޓުގައި އިތުރަށް ވަނީ މި މަޝްރޫޢުގެ މަސައްކަތް ފުރިހަމަ ކުރުމަށް ކައުންސިލަރުން ކޮށްދެއްވި މަސައްކަތާއި ދެއްވި އެއްބާރުލުން ފާހަގަކޮށް، ކައުންސިލަރުންނަށާއި މޭޔަރ އަށް ހާއްސަަ ޝުކުރެއް ދަންނަވާފައެވެ. އަދި މީގެ ތެރޭގައި ޔޫ.އެން.ޑީ.ޕީ ގެ ފަރާތުން މިފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ފަންޑިން ފޯރުކޮށްދެއްވާފައިވާތީ، ޔޫ.އެން.ޑީ.ޕީ ގެ ޓީމަށް ރޯޒޭ ވަނީ ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!