އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހުކުރު ދުވަހު އެގްޒެކެޓިވް އަމުރެއްގައި ސޮއިކުރައްވައި، އެމެރިކާގެ ދިފާޢީ ވުޒާރާ (ޑިޕާޓްމަންޓް އޮފް ޑިފެންސް) ގެ ނަން ރަސްމީކޮށް "ހަނގުރާމައިގެ ވުޒާރާ" (ޑިޕާޓްމަންޓް އޮފް ވޯ) އަށް ބަދަލުކުރައްވައިފިއެވެ.
މި ބަދަލުގެ މަޤްޞަދަކީ، މިހާރު ދުނިޔެ އޮތް ހާލަތަށް އެކަށީގެންވާ ނަމެއް ދިނުމާއި، އަސްކަރިއްޔާގެ ހަނގުރާމަވެރިންގެ ރޫހު އަލުން އާލާކުރުން ކަމަށް ޓްރަމްޕް ވިދާޅުވެފަވެއެވެ.
މި އަމުރުގެ ދަށުން، ޑިޕާޓްމަންޓްގެ ނަން ރަސްމީކޮށް ބަދަލުކުރުމަށް ކޮންގްރެސްގެ ހުއްދަ ބޭނުންވާނެ ނަމަވެސް، ރަސްމީ ލިޔެކިޔުންތަކާއި ރަސްމިއްޔާތުތަކުގައި، އަދި ޤާނޫނީ ގޮތުން ލާޒިމްނުވާ ލިޔެކިޔުންތަކުގައި މި އައު ނަން ބޭނުންކުރެވޭނެއެވެ. ވައިޓް ހައުސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި އަމުރުގެ ސަބަބުން ސެކެރެޓަރީ އޮފް ޑިފެންސަށް ވެސް "ސެކެރެޓަރީ އޮފް ވޯ" ގެ މަޤާމުގެ ނަން ބޭނުންކުރެވޭނެއެވެ.
އޯވަލް އޮފީހުގައި ޑިފެންސް ސެކެރެޓަރީ ޕީޓް ހެގްސެތް އާއެކު ވާހަކަފުޅު ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، މިހާރު ދުނިޔެ އޮތް ހާލަތަށް ބަލާއިރު މިއީ މާ އެކަށީގެންވާ ނަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
''އަހަރެމެންގެ އަސްކަރިއްޔާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރިއްޔާ. އަހަރެމެންގެ އަތުގައި ވަނީ އެންމެ ފުރިހަމަ އާލާތްތައް. އަދި އެންމެ މޮޅު އާލާތް އުފައްދާ ފަރާތްތައްވެސް ތިބީ އަހަރެމެންގެ ގައުމުގައި. މިކަމުގައި އަހަރެމެންނާ ވާދަކުރާނެ އެހެން ބަޔަކު ނެތް." ޓްރަމްޕް ވިދާޅުވިއެވެ.
ޑިފެންސް ސެކެރެޓަރީ ހެގްސެތް ވިދާޅުވި ގޮތުގައި މި ނަން ބަދަލުކުރުމުގެ މައިގަނޑު މަޤްޞަދަކީ އަސްކަރިއްޔާގައި "ހަނގުރާމަވެރިންގެ ރޫހު" އަލުން އާލާކުރުމެވެ.
ރައީސް ޓްރަމްޕް ވަނީ މީގެ މަސްތަކެއް ކުރިން މި ބަދަލު ގެންނަވާނެ ކަމުގެ އިޝާރާތް ދެއްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ "ޑިފެންސް ޑިޕާޓްމަންޓް" ގެ ނަމަކީ އެހާ ވަރުގަދަ ނަމެއް ނޫން ކަމަށެވެ.
"އަހަރެމެން ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމަ ކާމިޔާބުކުރިން. އަދި އޭގެ ކުރިންނާއި ދެމެދުގައި ހިނގި ހުރިހާ ހަނގުރާމައެއްވެސް ކާމިޔާބުކުރިން. އެއަށްފަހު އަހަރެމެން ނިންމީ 'ވޯކް' ވެ، ނަން ބަދަލުކޮށް ޑިފެންސް ޑިޕާޓްމަންޓް އޭ ކިޔަން. އެހެންވީމާ މިހާރު އަހަރެމެން ބަދަލުކުރަނީ ހަނގުރާމައިގެ މިނިސްޓްރީ އަށް،" ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވިއެވެ.
ނަން ބަދަލުކުރުމަށް ކޮންގްރެސްގެ ހުއްދަ ބޭނުންވާނެތޯ ނޫސްވެރިން ސުވާލުކުރުމުން، ޓްރަމްޕް ވިދާޅުވީ، އެކަން އެނގިވަޑައިނުގަންނަވާކަމަށާއި، ނަމަވެސް އެކަން ބައްލަވާނެކަމަށެވެ.
"އަހަރެންނަކަށް ނޭނގެ، އެކަމަކު އަހަރެމެން ބަލާނަން. އެކަމަކު އަހަރެންނަކަށް ހިއެއްނުވޭ އެމީހުން [ކޮންގްރެސް] ގެ ހުއްދަ ބޭނުންވާނެހެނެއް." ޓްރަމްޕް ވިދާޅުވެފައެވެ.
މި ބަދަލު ގެނައުމަށް ކިހާ ޚަރަދެއް ހިނގާނެތޯ ސުވާލުކުރުމުން، ޓްރަމްޕް ވަކި އަދަދެއް ވިދާޅެއް ނުވިއެވެ.
"އަހަރެމެންނަށް އެނގޭ ބޮޑު ޚަރަދެއް ނުކޮށް ބްރޭންޑް ބަދަލުކުރާނެ ގޮތް. އަހަރެމެން ފަރުބަދައެއް އަލުން ކޮށާކަށް ނުޖެހޭނެ. އަހަރެމެން މިކަން ކުރާނީ އެންމެ އަގުބޮޑު ގޮތަކަށް ނޫން - ސްޓޭޝަނަރީ ބަދަލުކުރާނީ އައު އެއްޗެހި ގަންނަން ޖެހޭއިރު، އަދި އެކަހަލަ ގިނަ ކަންތައްތައް،" ޓްރަމްޕް ވިދާޅުވިއެވެ.
ތާރީޚަށް ބަލާއިރު، 1789 ވަނަ އަހަރު ކޮންގްރެސްއިން އުފެއްދި "ހަނގުރާމައިގެ މިނިސްޓްރީ" ގެ ދަށުން އޭރު ހިނގަމުން ދިޔައީ އެއްގަމު، ކަނޑު އަދި މެރިން ބާރުތަކެވެ. ފަހުން ނޭވީ ވަކި މިނިސްޓްރީއެއްގެ ގޮތުގައި ވަކިކުރިއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު، އެއިރުގެ އެމެރިކާގެ ރައީސް ހެރީ ޓްރޫމަން ވަނީ ހުރިހާ އަސްކަރީ ބާރުތަކެއް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ނަން ޑިފެންސް ޑިޕާޓްމަންޓް އަށް ބަދަލުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!