އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުންނާއެކު ޓިއުނީޝިއާއިން ފުރާ އެހީގެ އުޅަނދެއްގައި ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމުގައި ބައިވެރިވާނެކަމަށް ދެކުނު އެފްރިކާގެ އެޕާޓައިޑް ދެކޮޅު މަޝްހޫރު ލީޑަރު، ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ކާފަ ދަރިފުޅު، މަންޑްލާ މަންޑޭލާ ބުނެފިއެވެ.
މަންޑްލާ މަންޑޭލާ މިކަން ހާމަކޮށްފައި ވަނީ ޓިއުނޭޝިއާގައި ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ.
"ދެކުނު އެފްރިކާގެ ވަފުދުގެ ހައިސިއްޔަތުން، އަޅުގަނޑުމެން ޚާއްޞަކޮށް ޓިއުނީޝިއާގައި ބޭއްވޭ ގްލޯބަލް ސުމޫދު ފްލޮޓިލާގައި ބައިވެރިވުމަށް ނިންމީ، އެފްރިކާގެ ފަރާތުން މި ހަނގުރާމައިގައި ބައިވެރިވާކަން ދެއްކުމަށެވެ،" މަންދްލާ މަންޑޭލާ ޓިއުނިސްގައި ނޫސްވެރިންނަށް ބުނެފަވެއެވެ.
"އެފްރިކާގެ ރައްޔިތުންގެ ހައިސިއްޔަތުން، އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ އިހުތިލާލުގެ ދަށުގައި އަދި އަނިޔާވެރިކަމުގެ ދަށުގައި ދިރިއުޅުމަކީ ކޮބައިކަން،" އޭނާ އިތުރަށް ބުނެފަވެއެވެ.
ޣައްޒާ އަށް އެހީ ހިފައިގެން ކަނޑުމަގުން ދަތުރުކުރަން ނިންމާފައިވާ ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ގްލޯބަލް ސުމޫދު ފްލޮޓިލާގެ އޯގަނައިޒަރުން ބުނެފައިވާ ގޮތުގައި، މި އުޅަނދުތައް އާދިއްތަ ދުވަހު ދަތުރު ފަށާނެއެވެ. މި ފްލޮޓިލާގައި ޓިއުނީޝިއާއިން ފުރާ އުޅަނދު ވެސް ހިމެނޭނެއެވެ. މިހާރުވެސް ސްޕެއިންއާއި އިޓަލީން ޣާޒާ އެހީ ފޯރުކޮށް ދިނުއަށް ދާ އެހެން އެހީގެ އުޅަނދުތައް ވަނީ ފުރައިގެން ގޮސްފައެވެ. ފުރަތަމަ މި ދަތުރު ތާވަލުކޮށްފައިވަނީ ފާއިތުވި ބުރާސްފަތި ދުވަހު ނަމަވެސް، މޫސުން ގޯސްވުމާ ގުޅިގެން އެކަން ފަސްކުރެވުނެވެ.
އޯގަނައިޒަރުން އަދިވެސް ދަތުރު ފަށާނެ ތަނާއި ވަގުތު ކަށަވަރުކޮށްފައެއް ނުވެއެވެ. ޓިއުނީޝިއާ އިން ފުރާ ފްލޮޓިލާގައި ބައިވެރިވުމަށް ގާތްގަނޑަކަށް 100 އެކްޓިވިސްޓުން ރަޖިސްޓްރީކޮށްފައިވެއެވެ.
ނެލްސަން މަންޑޭލާގެ ކާފަ ދަރިފުޅު، މަންޑްލާ މަންޑެލާ، (51 އަހަރު) ޖޮހަނެސްބާގް އެއަރޕޯޓުގައި ބުދަ ދުވަހުގެ ރޭ ރޯއިޓާސްއަށް ވާހަކަ ދައްކަވަމުން ބުނެފައި ވަނީ އިސްރާއީލުގެ އޮކިއުޕޭޝަންގެ ދަށުގައި ފަލަސްތީނުގެ މީހުން ތަޖުރިބާކުރާ ދިރިއުޅުމަކީ ދެކުނު އެފްރިކާގެ ކަޅު މީހުން އެޕާޓައިޑްގެ ދަށުގައި ތަޖުރިބާކުރި އެއްވެސް ކަމަކަށްވުރެ މާ ގޯސް ހާލަތެއްކަމަށެވެ. އަދި އޭނާ ވަނީ ފަލަސްތީނުގެ މީހުންނަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!