ހދ. ވައިކަރަދޫގައި އަންނަ އަހަރުގެ ކުރީކޮޅު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ދެއްވައިފިއެވެ.
އެމަނިކުފާނު މިޔަގީންކަން ދެއްވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވައިކަރަދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވައިކަރަދޫގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދިނުމަކީ އެރަށު ކައުންސިލުންވެސް އެދިވަޑައިގެންނެވި ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެރަށަކީ ޤުރުއާނަށް ލޯބިކުރާ، އަދި ރީތިކޮށް ޤުރުއާންކިޔަވާ ޤާރީން ގިނަ ރަށެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން، އިއްޔެގެ ރަސްމިއްޔާތުގައި ވައިކަރަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީ އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ. މި ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު، މޫދަށް އެރޭނެ ސަރަހައްދަކާއެކު، މިހާރު ބަނދަރުގައި ހުރި ހުރިހާ މައްސަލަތަކެއް ހައްލުކުރެވި، ރައްޔިތުން އެދޭގޮތަށް ބަނދަރުގެ މަސައްކަތް ފުރިހަމަވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
އެރަށު ސްކޫލްގެ ބާރަ ކްލާސްރޫމްގެ މަސައްކަތް ނުނިމި ގިނަ އަހަރުތަކެއް ހޭދަވެފައިވާކަން ފާހަގަކުރައްވައި، ރައީސް މުޢިއްޒު ވަނީ، މިއަހަރު އެ މަސައްކަތް އެއްކޮށް ނިންމަވައި، އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ކްލާސްރޫމްތައް ބޭނުންކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
ވައިކަރަދޫ އިންޖީނުގެއާއި ކަރަންޓްގެ ޙާލަތަށް މިހާރުން މިހާރަށް ހައްލުބޭނުންވާކަން ފާހަގަކުރައްވައި، އެންމެ އިސްކަމެއްދެއްވައިގެން އިންޖީނުގެ ބަދަލުކުރަންޖެހޭ ރަށެއްގެ ގޮތުގައި ވައިކަރަދޫ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
މީގެއިތުރުން، ވައިކަރަދޫގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ މީހުން ގިނަނަމަވެސް، މުދާފެރީ ދަތުރުކުރުމަށް އޮންނަ ރޫޓްގެ ސަބަބުން ދަނޑުވެރިންނަށް ގެއްލުންވަމުންދާތީ، އެކަން ހައްލުކުރެއްވުމުގެ ގޮތުން މުދާފެރީ އެރަށުން ފުރާގޮތަށް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނުވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސް މުޢިއްޒު ވަނީ މިއަހަރާއި އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން، ވައިކަރަދޫގެ ތަރައްޤީއަށް އެކި ދާއިރާތަކުން ގިނަ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. މިގޮތުން، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވައިކަރަދޫ އަކީ ރައީސްގެ ހދ. ދަތުރުފުޅުގައި ވަޑައިގެންނެވި ނުވަ ވަނަ މަންޒިިލެވެ. އަދި އިއްޔެގެ ތިން ވަނަ މަންޒިލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!