ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޅުދުއްފުށި ސިޓީގައި އެ ބޭންކުގެ ދެވަނަ ބްރާންޗުގެ ބިންގާ އަޅައިފިއެވެ.

މިއަދު ކުޅުދުއްފުށީގައި ކުރިއަށް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ad
rt

ކުޅުދުއްފުށި ސިޓީގައި ގާއިމުކުރާ މި އައު ބްރާންޗަކީ ބޭންކުގެ ތިންވަނަ ބިޒްނަސް ސެންޓަރެވެ. މި ބިޒްނަސް ސެންޓަރަކީ ކުޅުދުއްފުށި ސިޓީ އާއި އަތޮޅުތެރޭގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކުރެވޭ މަރުކަޒެކެވެ. މިވަގުތު ބޭންކުގެ ބިޒްނަސް ސެންޓަރުތައް ގާއިމުކޮށްފައިވަނީ މާލޭ ސިޓީ އާއި އައްޑޫ ސިޓީގައެވެ.

މި މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "މުޅި ރާއްޖެއަށް ބޭންކުގެ ޚިދުމަތްތައް ފުޅާކުރަމުން ދާއިރު، އަޅުގަނޑުމެން މި ދަނީ ކުޅުދުއްފުށި ސިޓީ ފަދަ، ސަރަހައްދުގެ މައި މަރުކަޒުތަކަށްވެސް އިސްކަންދެމުން. މިއަދު ވިޔަފާރިތަކަށް ހާއްސަ ބްރާންޗެއްގެ ބިންގާ އެޅުމަކީ މި ސަރަހައްދުގެ ވިޔަފާރި މުޖުތަމަޢަށް ބޭނުންވާ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެނަށް އެޅޭ މުހިންމު ފިޔަވަޅެއް" ކަމަށެވެ.

އިތުރު ތަރައްގީގެ މަސައްކަތްތަކުގެ ތެރެއިން، މިއަދު ބޭންކުން ވަނީ ހދ. ނޮޅިވަރަންފަރުގައި އައު ބްރާންޗެއް ހުޅުވައި، ވައިކަރަދޫ އަދި ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށާފައެވެ.

މިހާރު ބީއެމްއެލްގެ ވިއުގައިގައި 20 އަތޮޅުގައި 42 ބްރާންޗް، 154 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 213 އޭޓީއެމްގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ހިމެނެއެވެ.