ހދ. ނޭކުރެންދޫގައި ފަތާ ޓްރެކެއް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިއަދު އެރަށުގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ހަވާލުކުރެވުނު، މި މަޝްރޫއަކީ 8.72 ލައްކަ ރުފިޔާގެ އަގުގައި 120 ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މަޝްރޫއެކެވެ.
1465 މީހުންގެ އާބާދީއެއް އުޅޭ ނޭކުރެންދޫއަކީ އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންގެ އާބާދީ ބޮޑު ރަށަކަށްވުމާއެކު، މި ފަތާ ޓްރެކް ތަރައްގީ ކުރުމުން ރަށުގެ ރައްޔިތުންނަށް ކަސްރަތު ކުރުމަށާއި މުނިފޫހިފިލުވުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.
މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އަދި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކުންފުންޏެކެވެ. އަދި މިފަދަ ގިނަ މަޝްރޫއުތަކެއް މިވަގުތުވެސް އެ ކުންފުންޏާ ހަވާލުކުރެވެމުންދާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!