ހދ. ނޮޅިވަރަންފަރު ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް ތަރައްގީކުރުމަށާއި އެރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަން ރޭ ހަވާލުކޮށްފި އެވެ.

މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގަ އެވެ.

Ad
rt

ނޮޅިވަރަންފަރު ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް ތަރައްގީކުރުމަށް ހަވާލުކޮށްފައި ވަނީ ރޯޑް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބުދުﷲ ރާފިއު އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.

ނޮޅިވަރަންފަރުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއަޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އާ އެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބުދުﷲ ރާފިއު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ.

މީގެ އިތުރުން ރޭގައި ވަނީ އެރަށު ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ ވަސީލަތް ތަރައްގީކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.