ހދ. ނެއްލައިދޫގައި 60 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ނެއްލައިދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އަލީ ޒުހެއިރެވެ.
މި މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި 3 ކޮޓަރި އެޕާޓްމަންޓްގެ 60 ހައުސިންގ ޔުނިޓް ޢިމާރާތްކުރަން ހަމަޖެހިފައިވާއިރު، މި މަސައްކަތް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތަށް 100 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.
މީގެ އިތުރުން މިއަދު ވަނީ ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ހެދުމާއި، އެރަށު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ވެސް ހަވާލުކޮށްފައެވެ. މި މަޝްރޫޢު ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.
ރައީސްގެ ނެއްލައިދޫ ދަތުރުފުޅުގެ ތެރެއިން ވަނީ އެރަށުގައި އަޅާ އައު މިސްކިތާއި ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް އަޅާފައެވެ. އަދި އެރަށުގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފައްޓަވާދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!