ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުވާ މީހަކު ސިކުނޑީގެ އުނިކަމެއް ހުރުމުގެ ސަބަބުން ދައުވާ ލިބިގަތުމަށް ނުކުޅެދޭތީ, އޭނާގެ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.

މީގެ ހަ އަހަރު ކުރިން ދެކުނު އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުލަތުން ދައުވާކުރި އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.

Ad
rt

ނަމަވެސް ދާދިފަހުން ދައުލަތުން އެ މައްސަލަ އަނބުރާ ގެންދިޔައީ ހައި ކޯޓުން އަމުރުކޮށްގެން ހެދި މެޑިކަލް އެސެސްމަންޓަށް ބަލާއިރު އެ މީހާއަކީ ދައުވާ ލިބިގަތުމުގެ ކުޅެދުންތެރިކަން ހުރި މީހެއް ކަމަށް ނުފެންނާތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ދައުލަތުން ބުނެފައިވާތީ ކަމަށެވެ.

ހައި ކޯޓުގެ ނިންމުމުގައިވާ ގޮތުން ދައުވާލިބުނު މީހާއަށް ބޭނުންވާ ފަރުވާގެ އިންތިޒާމް ހަމަޖައްސަން، އޭނާ އުޅޭ ރަށުގެ ކައުންސިލާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވެސް ބުނެފައިވެ އެވެ.

އެހެންވެ، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ދައުވާ ފޯމު ބާތިލްކޮށްފަ އެވެ.