ހދ. ހަނިމާދޫ ސްކޫލްގައި އައު އިމާރާތެއް އަޅައި، އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިހާރު ހދ.އަތޮޅަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެވެ. އެޑިޔުކޭޝަންގެ ފަރާތުން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދު މުހައްމަދެވެ. ފަހި ދިރިއުޅުމުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރަޒާން އެވެ.
މިރޭގެ ބައްދަލުވުމުގައި މި މަޝްރޫޢު އާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، މި މަޝްރޫޢު ނިމިގެންދާނީ ހަނިމާދޫގެ ދަރިވަރުންނާއި ހަނިމާދޫ އަށް ބަދަލުކުރަން ނިންމާފައިވާ ހިރިމަރަދޫ ރައްޔިތުންގެ ދަރިވަރުންނަށް ވެސް ޖާގަ ހަމަޖެހިގެންދާގޮތަށް ކަމަށެވެ.
މި މަޝްރޫއުގެ ތެރެއިން 8 ކްލާސްރޫމާއި، ސައިންސްލެބާއި، ލައިބްރަރީ އަދި ސްޓާފް ރޫމް ހިމެނޭހެން ވަސީލަތްތައް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މި އިމާރާތާއެކު ހަނިމާދޫ ސްކޫލްގެ ޖާގައިގެ މައްސަލަ ދިގު މުއްދަތަކަށް ހައްލުވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!