ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ހެލްތް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު އަޙުމަދު ހަމްދާން ނާސިރު އެވެ. އަދި، މި މަސައްކަތް ހަވާލުކުރެވުނު ޗާޓަރ އިންޖިނީއަރިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޢަބްދުލްއަޒީޒް ޙަސަން އެވެ.
މި މަސައްކަތަށް 917,484 (ނުވަލައްކަ ސަތާރަހާސް ހަތަރުސަތޭކަ އަށްޑިހަ ހަތަރު) ރުފިޔާ ހަރަދުވާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ. އަދި، މި މަސައްކަތް ނިންމުމަށް 100 (ސަތޭކަ) ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ ޢަލީ ވެސް ބައިވެރިވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، ކުޅުދުއްފުށީގެ އިތުރުން އެ ސަރަހައްދުގެ އެހެން އަތޮޅުތަކުންވެސް ޚިދުމަތް ހޯދަމުން އަންނަ ޑިމާންޑް ބޮޑު ހޮސްޕިޓަލެކެވެ. އަލަށް ތައާރަފް ކުރެވުނު ގިނަ ޚިދުމަތް ތަކާއެކު ހޮސްޕިޓަލުގެ ސިއްޙީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާއިރު، ހޮސްޕިޓަލް ގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ގިނަ ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
ހެލްތް މިނިސްޓްރީން މިއަދު ވަނީ ކޭއާރުއެޗާއެކު ޖުމްލަ 7 ތަނެއްގެ ސިއްހީ ޚިދުމަތްދޭ ތަންތަން އަޕްގްރޭޑްކޮށް ތަރައްގީ ކުރުމާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!