ވަކީލުކަމުގެ ފޭކް ސަނަދެއް ގެންގުޅޭ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ބާ ކައުންސިލުން މިއަދު ބުނެފިއެވެ.

ވަކީލުކަމުގެ ހުއްދައިގެ ނަމުގައި އަސްލު ނޫން ސަނަދެއް ގެންގުޅޭ މައްސަލައެއް ފެންމަތިވީ، މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް)ގައި މަސައްކަތްކުރާ ފާތިމަތު ތޫބާ އަބުދުﷲ ހަވޭލި/ލ. ފޮނަދޫ، އެ ކުންފުންޏަށް ހުށައަޅާފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ އަކީ ބާ ކައުންސިލުން ދޫކޮށްފައިވާ ހުއްދައެއްތޯ ބަލަން އެ ކުންފުނިން ބާ ކައުންސިލަށް ހުށަހެޅުމުން ބެލިބެލުމުންކަމަށް ބާ ކައުންސިލުން ބުންޏެވެ.

Ad
rt

ބާ ކައުންސިލުން މިއަދު ބުނީ އެކަން ބެލިބެލުމުން ތޫބާ އަކީ އެއްވެސް އިރެއްގައި އެކައުންސިލުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއްނޫންކަމަށް ފާހަގަކުރެވުނު ކަމަށެވެ. އަދި ތޫބާ އަކީ ވަކީލުންގެ ދަފުތަރުގައި ހިމެނިފައިވާ މީހެއް ނޫންކަމަށް ވެސް ބުންޏެވެ.

ތޫބާގެ ވަކީލުކަމުގެ ހުއްދަ އަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމާއި، ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ހަދާފައިވާ ފޭކް ލިޔުމެއް ކަމަށާއި، އެ ލިޔުމުގެ ތާރީޚްގައި ހިމަނާފައިވާ ސޮޔަކީ ސުޕްރީމް ކޯޓުގެ އެއިރުގެ ފަނޑިޔާރެއްގެ ސޮއި ނޫންކަމަށް ވެސް ބާ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުން ބެލި ބެލުމުން ތޫބާ އަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ މީހެއް ނޫންކަން ކަށަވަރުވެފައިވާތީ، މި މައްސަލަ ތަހްގީގްކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ވެސް ބާ ކައުންސިލުން ބުންޏެވެ.