ފަލަސްތީނުގެ ގައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމް އަހުންނާއި އުހްތުންނަށް އެހީތެރިކަން ފޯރުކޮށްދުނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހަނިމާދޫ ކައުންސިލުން އެ ރަށުގައި ބެހެއްޓި ފަންޑް ފޮށިތަކުން ލިބިނު ފައިސާއިން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ހަނިމާދޫ ކައުންސިލުން އިސްނަގައިގެން މި ހަރަކާތް ހިންގާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ހަނިމާދޫގެ ބައެއް ތަންތަނުގައި ދެ ހަފްތާގެ މުއްދަތަށް ފަންޑްފޮށި ބަހައްޓައިގެން 88492.25 ރުފިޔާ ލިބިފައިވެއެވެ.
ނަމަވެސް ކައުންސިލުން މި ފައިސާ އިންޓަނޭޝަނަލް އެއިޑް ކެޕަމެއިންގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ މި 11 އޮގަސްޓް 2025 ގައެވެ. އެ ފައިސާއިން ގައްޒާގެ ރައްޔިތުންނަށް 805 ބަތް ޕާރުސަލް ފޯރުކޮށްދީފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފޭސްބުކް ޕޭޖްގައި ޕޯސްޓް ކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
ފަންޑް ފޮށިތަކުން ލިބުނު ފައިސާ ގައްޒާއަށް އެހީ ފޯރުކޮށްދޭ ޖަމާއަތްތަކާއި ހަވާލުކުރުމުގައި ލަސްވާން ދިމާވި ސަބަބާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ އެ ފައިސާތައް ކަލެކްޓްކުރި ދުވަސްވަރާއި ދިމާވީ ކައުންސިލް އޮޑިޓް ކުރުމަށް އޮޑިޓަރުން އައި ދުވަސްވަރާ ކަމަށެވެ. ކައުންސިލުން އޭރު ނިންމާފައި އޮތީ އެ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކުރުމަށް ކަމަށްވުމުން، ހަމަ އެ ޖަމާއަތަށް އެ ފައިސާ ހަވާލުކުރުމަށް ކައުންސިލުން ނިންމީ ކީއްވެތޯ އޮޑިޓުން ސުވާލުކުރި ކަމަށާއި، އެކަމުގައި ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކުރިއަށް ދިޔުމަށް އޮޑިޓުން އެދުމުން މަޑުޖެހިފައި އޮތީ ކަމަށެވެ.
ފިރާގު ބުނީ ދުވަސްތަކެއް ފާއިތުވުމަށް ފަހު އަލުން އެ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއާއި ހަވާލުކުރުމާއި ގުޅޭގޮތުން ރަސްމީކޮށް އެލްޖީއޭގެ ލަފާއެއް ހޯދުނު ކަމަށާއި، ފައިސާ އެ ޖަމާއަތާއި ހަވާލުކޮށްފައި ވަނީ އެލްޖީއޭގެ ހުއްދައާއި ލަފާގެ މަތީން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!