ބ. މާޅޮހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

މާޅޮހުން އޭޓީއެމްގެ ޚިދުމަތް ލިބެން ފެށުމާއެކު ބ.އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިގެން ދިޔައީކަމަށް ސަރުކާރުން ބުންޏެވެ.

Ad
rt

ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 13 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހެނދުނު މާޅޮހަށް ވަޑައިގެންފައިވާއިރު، މާޅޮހުގައި ބީއެމްއެލުން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވީ އެމަނިކުފާނެވެ. އޭޓީއެމްގެ ޚިދުމަތް ފެށްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރައީސް ވަނީ މާޅޮހު ރަށު ކައުންސިލާއި ހަވާލުކުރައްވާފައެވެ.

މާޅޮހުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ.

މިއީ ރާއްޖޭގައި ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރުމަށް ސަރުކާރުން ބީއެމްއެލްއާއި ގުޅިގެން ހިންގާ މަޝްރޫޢުގެ ދަށުން މި ޚިދުމަތް ޤާއިމްކުރި 47 ވަނަ ރަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި ވައުދުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ސަރުކާރާއި ބީއެމްއެލްއާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ. މީގެތެރޭގައި ހިމެނެނީ ހއ. އަތޮޅާއި، ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅެވެ.