ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ "ށ. އަތޮޅު ޤުރުއާން މުބާރާތް 2025" ގެ ފަޚުރުވެރި އެއްވަނަ ސްކޫލަކަށް އެ އަތޮޅު މިލަންދޫ ސްކޫލް ހޮވިއްޖެއެވެ.

މި އޮގަސްޓް މަހު 7 އިން 8 އަށް ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ށ އަތޮޅުން މުޅި ޖުމްލަ 124 ދަރިވަރުން ބައިވެރިވިއެވެ. މި މުބާރާތުގެ ނާތީޖާފާޅުކުރުމާއި އިނާމުދިނުމުގެ ރަސްމިއްޔާތު ވަނީ މިއަދު ބާއްވާފައެވެ.

Ad
rt

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ، ދިވެހި ބަހުގެ އުސްތާޒެއްކަމަށްވާ އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު އެވެ.

އެގޮތުން މި މުބާރާތުގައި މުޅި ޖުމްލަ 12 ސްކޫލަކުން ބައިވެރިވެފައިވާއިރު މި މުޅި މުބާރާތުގެ ފަޚުރުވެރި އެއްވަނަ ލިބިފައިވަނީ މިލަންދޫ ސްކޫލަށެވެ. އަދި މުޅި މުބާރާތުން ދެވަނަ ށ. އަތޮޅު މަދަރުސާ އަށް ލިބިފައިވާއިރު ތިން ވަނަ ލިބިފައިވަނީ ފޭދޫ ސްކޫލަށެވެ.

މުޅި މުބާރާތުން ދެވަނަ ހޯދި ށ. އަތޮޅު މަދަރުސާ، ފޮޓޯ: ށ.އަތޮޅު ކައުންސިލް

މިލަންދޫ ސްކޫލުގެ ދަރިވަރުން މި މުބާރާތުގައި އެއްވަނަ ހާޞިލްކޮށް ރަށް ރީތި ނަން ހޯދައިދީފައިވާތީ ދަރިވަރުންނަށް މަރުހަބާއެއް ދެންނެވުމުުގެ ގޮތުން މިލަންދޫ ރައްޔިތުން ވަނީ މިއަދު އެ ރަށު ބަނދަރަށް ޖަމާވެ، އެ ދަރިވަރުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ތިންވަނަ ހޯދި ފޭދޫ ސްކޫލް، ފޮޓޯ: ށ.އަތޮޅު ކައުންސިލް

މި މުބާރާތުގައި މިލަންދޫ ސްކޫލަށް ލިބުނު ކާމިޔާބީ ތަކުގެ ތެރޭގައި، ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ އެ ސްކޫލުގެ ދަރިވަރެއް ކަމަށްވާ، ފާތިމަތު ސީލީން އަޙްމަދު އާޠިފް އަދި އެ ގޮފިން ދެވަނަ ވެސް ހާސިލްކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ދަރިވަރު، އާއިޝާތު ޝަބާ އެވެ. އަދި ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން ތިން ވަނަ ހާސިލްކޮށްފައިވަނީ މަރްޔަމް ނާހީ މުޙައްމަދު، ށ އަތޮޅު މަދަރުސާއެވެ.

މުބާރާތުން ފަޚްރުވެރި ވަނަތައް ހޯދި ބައެއް ދަރިވަރުން، ފޮޓޯ: ށ.އަތޮޅު ކައުންސިލް

މީގެ އިތުރުން، މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ދަރިވަރެއް ކަމަށްވާ އާމިނަތު ސީޒާ މުޙައްމަދު އެވެ. އަދި ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ ހާސިލްކޮށްފައިވަނީ ފޭދޫ ސްކޫލުގެ ދަރިވަރު އީލާފު ބިން އަބްދުالله ޝަރީފް ކަމަށްވާއިރު އެ ގޮފިން ތިން ވަނަ ވެސް ހާސިލްކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ދަރިވަރު ޢާއިޝަތު ހަނާން ރަޝީދު އެވެ.

ކޮންމެ އަހަރަކުވެސް ބޮޑު ތަރުހީބެއް ލިބޭ މި ޤުރުއާން މުބާރާތަކީ ށ. އަތޮޅު ކައުންސިލުގެ ތަސައްވަރު ކަމުގައިވާ، އަބުރުވެރި ދިރިއުޅުމަށް ތަހުޒީބު އަތޮޅެއް، އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށް އަމާޒު ހިފާ، އިސްލާމްދީނަށް ލޯބިކުރާ ފާގަތި ދިރިއުޅުމަކަށް ފުރުސަތު ފަހި، އިސްލާމީ މުޖުތަމަޢުއެއް ބިނާކުރުމުގެ މަތިވެރި މަޤުސަދުގައި މެދު ކެނޑުމެއް ނެތި ކުރިއަށް ގެންދާ މުބާރާތެކެވެ.