މިއަހަރުގެ ޖޫން 1 ވަނަ ދުވަހު މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުންކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި 1 ޖޫން 2025 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު ވަނީ އެއްކުރެވިފައެވެ.

Ad
rt

''މި މަޢުލޫމާތައްބަލައި ފުލުހުން މި މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުން. ތަޙްޤީގު އެއްކޮށް ނިމުމުން ތަޙްގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްޞާކުރާނަން.'' ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވިި މެސެޖެއްގައި ބުނެފަވެއެވެ.

މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހު، ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ އެދުވަހު މެންދުރު 12:45 ހާއިރުއެވެ. އެއަށްފަހު ސްޓެލްކޯއިން ކުރި މަސައްކަތުން ކަރަންޓް މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީ ނިންމާލެވުނީ އިރުވެސް އޮއްސުނު ފަހުންނެވެ.

މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދައިން ކަންކަން އިންތިޒާމްކުރުމަށް މިކަން ސީރިއަސް މައްސަލައެއްގޮތުގައި ބަލަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެދުވަހު އަންގަވާފައެވެ. އަދި މި އެންގެވުމާއި އެއްގޮތަށް އެކަމުގެ ތަހުގީގެއް ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދުވަހު ވަނީ ބުނެފައެވެ.

މިއަދުވެސް ވަނީ މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑިފައެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:35 ހާއިރުއެވެ. އަދި މުޅި ހުޅުމާލެއަށް 11:40 ހާއިރު އެއްކޮށް ކަރަންޓް ދީފައިވާއިރު، މުޅި މާލެއަށް ކަރަންޓް ދެވިފައި ވަނީ 12:10 ހާއިރުއެވެ.