އަސްހާބުބޭކަލުންނަކީ އެންމެ މާތް އަދި އެންމެ ރަނގަޅަށް ދީން ފަހުމްވެވަޑައިގަތް ބޭކަލުންކަމަށާއި، އެބޭކަލުންނަށް ބަދުބަސް ބުނުމަކީ، އެމީހެއްގެ އަގީދާ ފާސިދުކަމުގެ ދަލީލަކަށްފުދޭ ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
އަސްހާބުބޭކަލުންނަށް ބަދުބަސް ބުނުމަކީ، އެ މީހެއްގެ އަގީދާ ފާސިދުކަމުގެ ދަލީލެއް ކަމުގައި ބަޔާންކޮށް މި މައްސަލައިގައި اَلْإِمَامُ أَبُوْ زُرْعَة (ރަހިމަހުﷲ) ގެ ބަސްފުޅެއް ހުތުބާގައި ވަނީ ގެންނަވާފައެވެ. އެ ބަސްފުޅުގައި ވަނީ ރަސޫލާ (ސއވ) އަސްހާބުބޭކަލެއްގެ ގަދަރު ކުޑަކުރާ ތަން ދެކެފި ނަމަ، އެއީ ޒިންދީގެއް (ދީނެއް މިއްލަތެއް ނެތް، ދީން އޮޅުވައިލާ ނުބައިވެގެންވާ މީހެއް) ކަމުގައި ބަޔާންކުރައްވާފައިވެއެވެ. އެހެނީ، ކީރިތި ގުރްއާނާއި ސުންނަތް އަހަރެމެންނަށް ފޯރުކޮށްދެއްވީ ސަހާބީންކަމަށާއި، އެ ބޭކަލުންގެ ގަދަރު ކުޑަކޮށް އިތުބާރު ނަގައިލުމުގެ މަގްސަދަކީ ޤުރްއާނާއި ސުންނަތް ނެތިކޮށްލުން ކަމުގައި އެ ބަސްފުޅުގައިވެއެވެ.
ހުތުބާގައި ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު މިހާ ހިސާބަށް އައިސްފައި މިވަނީ ސުންނީ މުސްލިމު ގައުމެއްގެ ގޮތުގައި ކަމަށާއި އަދި އަހަރެމެން ނަބިއްޔާ (ސއވ) އެންމެ މަތިވެރިކުރާ ބަޔަކީ އެކަލޭގެފާނުގެ ލޮބުވެތި އާލުބައިތުންނާއި ސަހާބީން ކަމަށެވެ.
ހުތުބާގައި ވިދާޅުވީ އަހަރުމެން ވާންޖެހޭނީ ސަހާބީންނާއި އަހުލުބައިތުންނަށް މާތްކޮށްހިތައި، އެބޭކަލުންދެކެ ލޯބިވާ، އަދި އެބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފައި، އެބޭކަލުންނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ބަރީއަވެގެންވާ ބަޔަކަށް ކަމަށެވެ.
ހުތުބާގައި ވިދާޅުވީ ސަހާބީ ބޭކަލުންނަށް ލޯބިކޮށް، އެ ބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފާ، ބަޔަކަށް އަހަރެމެން ވާންޖެހޭ ކަމަށާއި އަދި އަހަރެމެން މާތް ﷲ ރުހިވޮޑިގެންނެވި ބަޔަކަށް ރުހެން ޖެހޭނެކަން ހުތުބާގައި ވަނީ ހަނދާން ކޮށްދެއްވާފައެވެ.
މަތިވެރި އަގީދާ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބޭންޖެހޭނެ ކަމަށާއި އެއްބައިވަންތަކޮށް މުޖުތަމައު ހިފައިހައްޓައިދިން ވަރުގަދަ އަގީދާއަކީ އެއީ ކަމުގައި ހުތުބާގައި ވިދާޅުވިއެވެ.
ޚުތުބާގައި ވިދާޅުވީ މުސްލިމުންގެ އަގީދާއިން ފައި ކައްސައިލައިފި ނަމަ، ބައިބައިވުމާއި ތަޅައިފޮޅުމާއި ފިތުނަތައް އުފެދޭނެ ކަމަށާއި، މުޖުތަމައު ބައިބައިކުރާން ނުކުންނަ އެއްވެސް މީހަކަށް ފުރުސަތު ނުދިނުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!