ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ކަސްޓަމަރުން ޓިކެޓް ގަތުމަށް މޮބައިލް އެޕްލިކޭޝަނެއް ތަޢާރުފުކޮށްފިއެވެ.

މޯލްޑިވިއަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ތަޢާރުފުކޮށްދެއްވި އެ މޮބައިލް އެޕްލިކޭޝަނާއިއެކު މޯލް ޑިވިއަންގެ ޓިކެޓް އޮންލައިންކޮށް ގަންނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

Ad
rt

މޯލްޑިވިއަން މޮބައިލް އެޕްލިކޭޝަން ގޫގުލް ޕްލޭ އާއި އެޕަލް ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. މިމޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ބުކް ކުރުމުގެ އިތުރުން، ޓިކެޓް ނަގަން ފައިސާ ވެސް ދެއްކޭނެ އެވެ. މީގެ އިތުރުން އެޕް މެދުވެރިކޮށް ދަތުރު ޕްލޭން ކޮށްލުމާއި ކުރިން ދަތުރުކޮށްފައިވާ ގޮތުގެ ހިސްޓްރީ ވެސް ބަލައިލެވޭނެ އެވެ. އަދި މޯލްޑިވިއަނުން އެކި މަންޒިލްތަކަށް ތަޢާރުފުކުރާ ފެއާތަކުގެ އަގުތައް ވެސް އެޕުން ފެންނާނެ އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ އެ ކުންފުނީގެ ހިދުމަތް ހޯދާ ފަރާތް ތަކަށް ފަސޭހަ އިންތިޒާމު ތަކެއް ހަމަޖައްސަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކުރި ސަބަބަކީ ވެސް އެއީ ކަމަށެވެ. އަދި މި އެޕަށް ކުރިއަށް އޮތްތަނުގައި ރީފަންޑް ކުރުން ފަދަ ސާވިސްތައް ވެސް އެޑް ކުރަމުން ގެންދާނެކަމަށްވެސް ރިޒްވީ ވިދާޅުވި އެވެ.

މޮބައިލް އެޕެއް ތައާރަފު ކުރި ނަމަވެސް އެ ކުންފުނީގެ ކޯލް ސެންޓަރަށް ގުޅައިގެނާއި ވައިބާ މެދުވެރިކޮށް ވެސް ޓިކެޓު ނެގުމަށް ދެމުންދާ ޚިދުމަތްތަކަށް ބަދަލެއްނައިސް ކުރިއަށްދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މޯލްޑިވިއަންއިން އދ. މާމިގިލި ފިޔަވައި ރާއްޖޭގެ ހުރިހާ މަންޒިލަކަށް ދަތުރު ކުރެއެވެ. އޭގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން، ޗެންނާއި އަދި ބަންގްލަދޭޝަންގެ ޑާކާގެ އިތުރުން ތައިލެންޑްގެ ވެރިރަށް ބެންކޮކަށާއި، ޗައިނާގެ ބައެއް މަންޒިލްތަކަށް ދަތުރު ކުރެ އެވެ.

މޯލްޑިވިއަނުން އަންނަނީ އިބްރާޙީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭއިން ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ އިތުރަށް އުތުރުގެ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އިްނޑިއާގެ ޓްރެވެންޑަރަމާއި އަދި ކޮޗިންގއަށް ދަތުރުތައް ބާއްވަމުންނެވެ،