ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މި އޮގަސްޓް މަހުގެ 9 ވަނަ ދުވަހު ފަށާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2025" ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.

މި އަހަރު މި މުބާރާތުގައި ވާދަކުރަނީ މުޅި ޖުމްލަ 8 ޓީމަކުންނެވެ. މި ޓީމު ތަކުގެ ތެރޭގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ 4 ޓީމަކާއި ކުޅުދުއްފުށިން ބޭރު 4 ޓީމެއް ހިމެނެއެވެ.

Ad
rt

އެގޮތުން މި ޓީމު ތަކަކީ، ކުޅުދުއްފުށީ ސިޓީގެ ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އާއި، މަގުލަސް ކްލަބު، ހިރަފުސް ސްޕޯޓްސް ކްލަބް، ކްލަބް ކޮރަލްސް، ހަނިމާދޫ ކެތި އަރާ، ހއ. ދިއްދުގެ ޓީމެއް ކަމަށްވާ ހީވެސް ނުވޭ، އަދި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބްގެ އިތުރުން ކަނޑިތީމު ފުޓްބޯޅަ ޓީމެވެ.

މި މުބާރާތުގެ ގުރުއަތުލުން މިއަދު ބާއްވާފައިވާއިރު، މި މުބާރާތުގައި ވާދަކުރާ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. އެގޮތުން ގްރޫޕް އޭ ގައި ހިމެނެނީ، ހީވެސް ނުވޭ، ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް އަދި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އާއި ކްލަބް ކޮރަލްސް ހިމެނެއެވެ.

ގްރޫޕް ބީ ގައި ހިމެނެނީ، ކެތި އަރާ، މަގުލަސް ކްލަބް އަދި ކަނޑިތީމު ފުޓްބޯޅަ ޓީމުގެ އިތުރުން ހިރަފުން ސްޕޯޓްސް ކްލަބް އެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކްލަބް ކޮރަސްލް އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު ބައްދަކުރާ މެޗުން، އޮގަސްޓް 9 ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައެވެ.

މީގެ އިތުރުން މުބާރާތް ރާވާލާފައިވަނީ ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭގޮތަށް، ދެ ގްރޫޕް ކްރޮސް ކޮށް ސެމީ ކުޅުމަށްފަހު މޮޅުވާ ތީމަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓް 2025 ވާ ހޯމަ ދުވަހު އެވެ.

ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މި މުބާރާތް ބާއްވާތާ މިހާރު މިއީ 4 ވަނަ އަހަރެއެވެ. ކޮންމެ އަހަރަކުވެސް ބޮޑު ތަރުހީބަކާއެކު ބާއްވާ މި މުބާރާތުގެ މަޤުސަދަކީ، ކުޅުދުއްފުށީ ސިޓީގައި ފުޓުބޯޅަ ކުރިއެރުވުމަށާއި، ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ރަށުގެ ޒުވާނުންގެ ފުޓުބޯޅަ ފެންވަރުގައި ފުޓުބޯޅަ ކުޅޭ ޒުވާނުން ކުށުގެ ވެށިން ދުރުކޮށް ރަށުގެ އިޖުތިމާއީ ރޫހު އާލާކޮށްދިރުވުމަށެވެ.

ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2024 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއެވެ. މި މުބާރާތް އޮތީ މިދިޔަ 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ.