ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ (އއ) މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު ފަޅު މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައީސް މި ނިންމެވުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުންނެވެ. މިކަން ކަނޑައަޅުއްވާފައިވަނީ ޤަރާރު ނަންބަރު 20/2025 ގެ ދަށުންނެވެ.

Ad
rt

މި ނިންމެވުމާ ގުޅިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ވަނީ އަރިއަތޮޅު އުތުރުބުރީ ރަންފަރު ފަޅު، މާޅޮހުގެ ބައެއްގެ ގޮތުގައި އިތުރުކުރައްވާފައެވެ. އަދި ރަންފަރުގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތްވެސް ވަނީ ކަނޑައަޅުއްވާފައެވެ.

މި ނިންމެވުމަކީ ޑިސެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، އއ. މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުވުމުގައި ވެވަޑައިގެންނެވި ވަޢުދުފުޅެއް ފުއްދެވުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.

މި ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމެނޭ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުވެސް ވަނީ އަދާހަމަކުރައްވާފައެވެ.