އިސްރާއީލުން ޣައްޒާގައި ޑޮކްޓަރެއްގެ ފަހަތުން ޑްރޯނެއް ފޮނުވައި، އެ ޑޮކްޓަރ އޭނާގެ ޢާއިލާ ތިބި ޓެންޓަށް ވަނުމުން ހަމަލާދީ ޑޮކްޓަރާއި ޢާއިލާ ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގައި މަސައްކަތްކުރުމަށްފަހު އެނބުރި ދިޔަ އިނގިރޭސިވިލާތަށް ނިސްބަތްވާ ޑޮކްޓަރެއްކަމަށްވާ ނަދާ އަލް-ހަދީތީ 'ސްކައި ނިއުސް' އަށް ބުނެފައިވާ ގޮތުގައި، އިސްރާއީލްގެ ޑްރޯނެއް ވަނީ އޭނާ އާއި އެކު މަސައްކަތްކުރި ޣާޒާގެ ޑޮކްޓަރެއްގެ ފަހަތުން ފޮނުވައި، އޭނާ ޓެންޓަށް ދިޔުމުން ހަމަލާދީ އޭނާ އާއި މުޅި ޢާއިލާ ވެސް ޝަހީދުކޮށްލާފައެވެ.
އިސްރާއީލް ޑްރޯނަކުން ޝަހީދުކޮށްލި އޭނާ އާއިއެކުގައި މަސައްކަތްކުރި ޑޮކްޓަރަކީ "ކެތްތެރި، އުފާވެރި އަދި ބުރަކޮށް މަސައްކަތްކުރާ" މީހެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެއެވެ.
އަލް-ހަދީތީ އާއި އެހެން މެޑިކަލް މަސައްކަތްތެރިންގެ ހެކިބަހުން ވެސް ވަނީ އިސްރާއީލުން އެ ޑޮކްޓަރގެ ފަހަތުން ޑްރޯން ފޮނުވައި، ޑޮކްޓަރާއި ޢާއިލާ ޝަހީދުކޮށްލިކަމަށް ބުނެފައެވެ.
ޑްރޯން އޮޕަރޭޓްކުރަން ހުރި އިސްރާއީލް ސިފައިންގެ މީހާ ޑޮކްޓަރުގެ ފަހަތުން ޑްރޯން ދުއްވަމުން ދިޔައިރު، މަގުމަތިން ހަމަލަދީފައި ނުވާކަމަށް އަލް-ހަދީތީ ބުންޏެވެ. އަދި ޑޮކްޓަރ ހިނގާފައި ގޮސް އޭނާގެ ޢާއިލާ ތިބި ޓެންޓަށް ވަންނަންދެން ޑްރޯން އޮޕަރޭޓްކުރި އިސްރާއީލް ސިފައިންގެ މީހާ ހަމަލާނުދީ މަޑުކުރި ކަމަށް ވެސް ބުންޏެވެ.
''ޑޮކްޓަރ އެކަނި ހިނގަމުން ދިޔައިރު މަރައެއްނުލާ، އޭގެ ބަދަލުގައި، އޮޕަރޭޓަރު ވަނީ ޑޮކްޓަރ ޓެންޓަށް ވަދެ އޭނާގެ 3 ކުދިންނާ ބައްދަލުކުރަންދެން މަޑުކޮށްފައި، އަދި އެއަށްފަހު ހަމަލާދީ އެ އެންމެން ޝަހީދުކޮށްލީ" އޭނާ ބުނެފައިވެއެވެ.
ނަދާ އަލް-ހަދީތީ ބުނެފައިވާ ގޮތުގައި ޣައްޒާގެ ހާލަތު ވަނީ "އެއްކޮށް ހާސްކަމުގައި" ކަމަށެވެ. އޭނާ ބެލި ބަލިމީހުންގެ ތެރެއިން އުމުރުން 21 އަހަރުގެ، ބަނޑަށް 6 މަސްވެފައިވާ މާބަނޑު އަންހެނަކު އޮތް ޓެންޓް ކައިރީ އިސްރާއީލުން ބޮމެއް ގޮއްވާލުމުގެ ސަބަބުން އެ މާބަނޑު އަންހެންމީހާ ވަރަށް ބޮޑަށް ޒަޚަމްވެ، ބަނޑުގައި އޮތް ކުއްޖާ ނިޔާވެފައިވާކަމަށް އޭނާ އަސަރާއެކު ބުނެފަވެއެވެ.
"އޭނާގެ ފިރިމީހާ ޝަހީދުވެއްޖެ، އެއް ލޯ ގެއްލިއްޖެ، ކަށިތައް ބިންދިއްޖެ އަދި ދެ ފައިވެސް ބޮމުގެ އަސަރުން އެއްކޮށް ހަލާކުވެއްޖެ،" އަލް-ހަދީތީ ފެންކަޅިވެފައި ކިޔައިދިނެވެ.
"މި އަންހެން މީހާ ވަނީ އެއްކޮށް ހަކުރުމައްޗަށް ގޮސްފައި، ވިޓަމިންތަކެއް ނެތް، ކާނާއެއް ނެތް. އަދި އެއްދުވަހަކު އޭނާގެ ކުއްޖާ ހަރަކާތްކުރުން ހުއްޓުނީ." އޭނާ އިތުރުކުރިއެވެ.
ޣައްޒާގައި ކޮންމެ ދުވަހަކު "ސްކޫލް ކްލާސްރޫމެއްގެ ވަރުގެ އަދަދަކަށް ކުދިން" ޝަހީދުވަމުންދާކަމަށް ޑޮކްޓަރު ބުނެފައިވެއެވެ. އަދި އާންމު ރައްޔިތުންނެކޭ އެއްފަދައިން ގިނަ ޞިއްޙީ މަސައްކަތްތެރިން ވެސް ބަނޑުހައިހޫނުކަމުގައި އުޅެމުންދާ ކަމަށް އޭނާ ބުނެފަވެއެވެ.
އަލް-ހަދީތީ ބުނެފައިވަނީ އޭނާ ޣައްޒާގައި މަސައްކަތްކުރި 3 ހަފްތާގެ ތެރޭގައި "ބަނޑުހައިހޫނުކަމާއި ބަލިމީހުން ހަކުރު މަތިވެފައިވާ މިންވަރުގައި ބޮޑު ތަފާތެއް" ފެނުނު ކަމަށެވެ. އޭނާ ބުނީ ޣައްޒާގައި އިސްރާއީލުން ބޮންގޮއްވުންތައް އިތުރުވެ، ހުއްޓުމެއް ނެތްކަމަށެވެ. އަދި ޓެންޓްތަކުގައި ބިން ގޮއްވާލުމުން ބަލިމީހުން ފަރުވާއަށް އެދި ފުނިޖެހިފައިވާކަމަށާއި ޣައްޒާގެ ހާލަތު ވަނީ ވަރަށް ނުރައްކާތެރި ގޮތެއްގައިކަމަށް އޭނާ ކިޔައިދިނެވެ.
"އެކްސެޓަރ ސަރަޙައްދުގެ ބޮޑުމިނުގެ (ސަރަޙައްދެއްގައި) 2 މިލިއަން މީހުން ބަނޑުހައިވެފައި ތިބީ، އަޅުގަނޑުމެންގެ ޤައުމުގައި އަދި 2021 ގެ ބޯހިމެނުމުގައި 130،000 މީހުން ދިރިއުޅުނު ސަރަޙައްދެއްގައި. އެއީ 2 މިލިއަން މީހުން ފެނެއް ނެތި، ސާފުތާހިރުކަމެއް ނެތި، ކާނާއެއް ނެތި، މެޑިކަލް ސަޕްލައިއެއް ނެތި." އޭނާގެ ތަޖުރިބާ އިތުރުކުރިއެވެ.
ޣައްޒާގެ މަސައްކަތްކުރަމުން އަންނަ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަލަސްތީނު އެކުވެރިންނަށް ތަޢުރީފުކުރަމުން އަލް-ހަދީތީ ބުނެފައި ވަނީ "މިހާ ޢިއްޒަތްތެރި، ވަފާތެރި ބަޔަކު މީގެ ކުރިން ދުވަހަކުވެސް ނުދެކެން." ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!