ށ. ޅައިމަގު ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏެއް ކަމަށްވާ "އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއި ހަވާލުކޮށްފިއެވެ.

މިއަދު މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް ގެ ނައިބު ރައީސް، އަލްއުސްދާޒް އިސްމާޢިލް ޒާހިރު އެވެ. އަދި މި މަސައްކަތް ހަވާލުކުރެވުނު ކުންފުނި ކަމައްވާ "އީކޮން މޯލްޑިްވްސް ޕްރައިވެޓް ލިމިޓެޑް" ގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަންވަރު އެވެ.

Ad
rt

މީގެ އިތުރުން މި އެއްބަސްވުމުގައި ސޮއި ކުރެއްވިއިރު އަރިހުގައި ދާޢިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު މަމްދޫހު ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި އެއްބަސްވުމުގެ ދަށުން ޅައިމަގު ޞިއްޙީ މަރުކަޒުގައި ވޯޑަކާއި، ޕްރައިވެޓް ރޫމަކާއި، ލެބޯޓްރީ އަކާއި، ނާރސް ސްޓޭޝަނެއްގެ އިތުރުން ގަރާޖް އަދި ސްޓޯރ ރޫމެއް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

180 ދުވަހުގެ މުއްދަތެއްގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރޫޢުގެ މަސައްކަތުގެ ޖުމްލަ އަގަކީ 4.8 މިލިއަން ރުފިޔާ އެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ޅައިމަގު ހިމެނޭހެން 6 ރަށެއްގެ ޞިއްޙީމަރުކަޒެއް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް އަމިއްލަ ތިން ކުންފުންޏަކާއި ވަނީ ހަވާލުކޮށްފައެވެ.

މިގޮތުން ހއ. ވަށަފަރާއި ތުރާކުނު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމަށް "ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއި ހަވާލުކޮށްފައިވާއިރު، ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ދަރަނބޫދޫ ޞިއްޙީމަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ "ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" އާއި އެވެ.