ސަރުކާރުން ފޯރުކޮށްދެއްވާ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި ޤާއިމުކުރެއްވި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ، އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފިހާރަ ބައްލަވާލައްވާފައެވެ. އަދި އެ ފިހާރައިން ޚިދުމަތް ހޯއްދެވި ފުރަތަމަ ތިން ފަރާތާ އައިނު ހަވާލުކޮށްދެއްވާފައި ވަނީވެސް ރައީސް މުޢިއްޒެވެ.
މި ފިހާރައިގެ ޚިދުމަތް ފެށުމާއެކު، އާސަންދައިން އައިނު ހެއްދުމަށް ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދެއްވާފައިވާއިރު، ރަނގަޅު ފެންވަރުގެ އައިނު ހެޔޮ އަގުގައި ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސްވެގެން ދާނެއެވެ. މި ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މޭ މަހުގެ 31 ވަނަ ދުވަހުއެވެ.
ދެ މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ޤާއިމުކުރެވުނު އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސްއިން، ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވި ގޮތުގައި، އޮގަސްޓް މަހު ހުޅުމާލޭގައި މި ޚިދުމަތް ފެށުމަށްފަހު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައިވެސް އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!