ދެކުނު ޔޫރަޕްގެ ގްރީސް އަދި ޓަރކީގައި ހޫނު ގަދަވެ އަލިފާނުގެ ގިނަ ހާދިސާތަކެއް ހިނގަމުން އެބަދެ އެވެ.
ޔޫރަޕުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަލިފާނުގެ ހާދިސާތަކުގައި ޓަރކީގައި އެކަނިވެސް 14 މީހަކު ވަނީ މަރުވެފައެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 84 އަލިފާނުގެ ހާދިސާއާ އެކި ސަރަހައްދުތަކުން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން، ޓަރކިއޭގެ ހަތަރުވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ބަރުސާ ސިޓީ ވަށައިގެންވާ ފަރުބަދަތަކުގައި ރޯވެފައިވާ އަލިފާން އިތުރަށް ފެތުރި، އާދީއްތަ ދުވަހުގެ ރޭ ސިޓީގެ އުދަރެސް އެކީހެން ވަނީ ރަތްވެފަ އެވެ.
ބަރުސާ އިރުމަތީ ސަރަހައްދުގެ ރަށްތަކުން 1،765 މީހުން ސަލާމަތްކުރެވި، 1،900 އަށްވުރެ ގިނަ ފަޔަރ ފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަލިފާން ރޯވުމުގެ ސަބަބުން އަންކާރާއާއި ބަރުސާ ގުޅުވައިދޭ މައި މަގު ވަނީ ބަންދުކުރެވިފައެވެ. މިއަދު ހެނދުނު ވައި މަޑުވުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ފަސޭހައެއް ލިބުނު ނަމަވެސް، މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކުރިން ހުރި ދަނޑުބިންތަކާއި ފަރުބަދައިގެ ގަސްތައް ވަނީ އަނދާ އަޅިއަށް ވެފައެވެ.
ޓަރކިއޭގެ ޖެނެރަލް ޑިރެކްޓަރޭޓް އޮފް މެޓިއޮރޮލޮޖީން ބުނެފައިވާ ގޮތުގައި، ހުކުރު ދުވަހު އިރުމަތީ-ދެކުނު ސަރަހައްދުގެ ސިރްނަކް ޕްރޮވިންސްގައި ރެކޯޑު ކުރެވުނު 122.9 ޑިގްރީ ފެރެންހައިޓަކީ ޤައުމުގެ ތާރީޚުގައި ރެކޯޑު ކުރެވުނު އެންމެ މަތީ ފިނިހޫނުމިނެވެ.
މި ވަގުތު ޓަރކިއޭގެ އިތުރުން ގްރީސް، ބަލްގޭރިއާ އަދި މޮންޓެނީގްރޯގައިވެސް އަލިފާނުގެ ހާދިސާތަކާ ކުރިމަތިލަމުން ދެއެވެ. ގްރީސްގެ ކިތޭރާ ޖަޒީރާގައި އަލިފާނުގެ ހާދިސާތަކާ ކުރިމަތިލަމުންދާއިރު، ގިނަ ސަރަހައްދުތަކުގައި ފިނިހޫނު މިނުގެ މިންވަރު 38 ޑިގްރީ ސެލްސިއަސް (100 ޑިގްރީ ފެރެންހައިޓް) އަށްވުރެ މަތިވެފައިވެއެވެ.
ގްރީސްގެ ގިނަ ރަށްތަކަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އިއްޔެ އާއި މިއަދުވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޮފިޝަލުން ބުނާ ގޮތުގައި ބައެއް ސަރަހައްދުތަކުން އަލިފާން ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، އަލިފާން އަލުން ރޯވުމުގެ ބިރު އޮތްކަމަށް އިންޒާރު ދީފައިވެއެވެ.
ގްރީސްގެ މައި ސިޓީގައި ހޫނުމިނުގެ ގޮތުން ހޮނިހިރު ދުވަހު 44 ޑިގްރީ ސެލްސިއަސްއަށް (111 ޑިގްރީ ފެރެންހައިޓް) އަރާފައިވެއެވެ.
ފާއިތުވި އަހަރުތަކާ އަޅާބަލާއިރު އެސަރަހައްދު ތަކުގައި އަލިފާނުގެ ހާދިސާތައް އިތުރުވެ، އޭގެ ނުރައްކާތެރިކަން ބޮޑުވަމުންދާކަމަށް އޮފިޝަލުން ފާހަގަކުރެއެވެ. ގިނަ މާހިރުން ދެކޭގޮތުގައި މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. މި މަހުގެ ކުރީކޮޅު، މަޝްހޫރު ފަތުރުވެރިކަމުގެ ރަށް ކްރީޓްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 1,500 މީހުން ގެތަކާއި ހޮޓާތަކުން ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!