އެކްސިޑެންޓެއް ހިނގުމުން މަޑުނުކޮށް ދިޔަ ކާރެއްގައި ތިބި ދެ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އެދިއްޖެއެވެ.

ފުލުހުން ބުނީ މި ދެ މީހުންނަކީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 1 ކައިރިން ހިނގި އެކްސިޑެންޓަކާ ގުޅިގެން ހޯދަމުންދާ ދެ މީހުން ކަމަށެވެ.

Ad
rt

ފުލުހުން މި މައްސަލައާ ގުޅޭ ވީޑިއޯއެއް އާންމުކުރަމުން ބުނީ، މި ވީޑިއޯ އިން ފެންނަ ދެމީހުންނަކީ ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެފައިވާ ދެމީހުން ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ވިނަރެސް 1 ކައިރީގައި ހުންނަ ރައުންޑް އެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހިގެންނެވެ. އެކްސިޑެންޓްވުމަށްފަހު، އެ ކާރު މަޑުނުކޮށް ދުއްވާފައި ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން، މި ދެ މީހުންނަކީ ކާކުކަން ދެނެގަނެވިފައިނުވާތީ އެކަން ދެނެގަތުމަށްޓަކައި އާންމުންގެ އެހީތެރިކަމަށް އެދިފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އެ މަޢުލޫމާތެއް ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9772111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.