ހއ. އުތީމު ފުޓްބޯޅަ ދަނޑުގައި އަމިއްލަ ތަކެތީގައި ލައިޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.

މި ދަނޑުގައި ޓާފް އަޅައި ނިންމާލިކަން ޔޫތު މިނިސްޓްރީން ހާމަކުރީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ.

Ad
rt

އެއަށްފަހު މިއަދު ވަނީ އުތީމު ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެ ދަނޑުގައި ލައިޓް ޖެހުމަށް އުތީމު ކައުންސިލުން ބީލަމަށް ހުޅުވާލައިފައެވެ.

އުތީމު ކައުންސިލުން ބީލަމަށް ހުޅުވާލައި ނެރުނު އިޢުލާނުގައިވާ ގޮތުން، މި މަސައްކަތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް ކުރި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، 2025 ޖުލައި 22 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން info@utheem.gov.mv އަށް އީމެއިލް ކުރުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންނަމަވެސް، ބީލަން ހުށަހަޅަން ދީފައިވާ މުއްދަތުގެ ތެރޭގައި ސާފުކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެދި އީމެއިލް ކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

މި މަސައްކަތުގެ ބިޑް ހުށަހެޅުން އޮންނާނީ 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 10:00 ގައި ހއ. އުތީމު ކައުންސިލްގެ އިދާރާގައެވެ.

އުތީމު ކައުންސިލްހެ 6500038 ނަންބަރު ފޯނާއި ގުޅައިގެން ވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ލައިޓް ޖަހައި ނިމުމުން މި ދަނޑުގައި ރޭގަނޑު ކުޅުމުގެ ފުރުސަތު ވެސް އުތީމު ޒުވާނުންނަށް ފަހިވެގެން ދާނެއެވެ.