މިދުވަސްކޮޅު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރާގައި ހއ.މުރައިދޫގެ ބައެއް ގޭބީސީ ތަކަށާއި ކައުންސިލް އިދާރާއަށް އެކިވަރުގެ ގެއްލުންތައްވެއްޖެއެވެ.

މިކަމާއި ގުޅިގެން ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ވިއްސާރާގައި މުރައިދޫގެ ބައެއް ގޭބީސީ ތަކަށާއި ކައުންސިލް އިދާރާއަށާއި ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

Ad
rt

ރައްޔިތުންނާއި ކައުންސިލަށް ލިބިފައިވާ ގެއްލުންތަކަށް ވަގުތީ ހައްލު ހޯއްދެވުމަށް މިވަގުތު ކުރެވެންހުރި އެންމެހައި ކަންކަމުގައި މުރައިދޫގައި ތިބި އެމްޓީސީސީގެ މުވައްޒަފުންނާއި ވަސީލަތްތަކުގެ އެހީތެރިކަން ކައުންސިލަށް ފޯރުކޮށްދެއްވުމަށް ސަރުކާރުގައި އެދިފައިވާނެކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

''އެމަސައްކަތް މިހާރު ކުރެވެމުން ދާކަމުގައި ރައްޔިތުންނަށް ދަންނަވަން، އަދި ރަށުގެ ހާލަތު އާންމު ހާލަތަށް އައުމުން ރައްޔިތުންނަށް ލިބިފައިވާ ގެއްލުން ތަކުގެ ފުރިހަމަ މަޢުލޫމާތު މުރައިދޫ ކައުންސިލުން ޑިޒާސްޓާރ މެނޭޖުމަންޓަށް ފޯރުކޮށްދީ، ސަރުކާރުގެ އެހީތެރިކަން ގެއްލުން ލިބުނު ގޭބީސީ ތަކަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރެވޭނެ ވާހަކަވެސް ދަންނަވަން'' ޝުޖާއު ވިދާޅުވެފަވެއެވެ.

މުރައިދޫ ކައުންސިލުން ވަނީ ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ކައުންސިލް އިދާރާއާއި ހިއްސާކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ. އަދި ވިއްސާރައިގެ ސަބަބުން ލިބޭގެއްލުންތައް ރިޕޯޓްކުރުމަށާއި، އެހީތެރިކަމަށް އެދުމަށް 7910628 އަދި 9807262 ނަންބަރަށް ގުޅުމަށް އެކައުންސިލުން އެދިފަވެއެވެ. މި ވިއްސާރާގައި އެރަށުގެ ބައެއް ގޭތަކުގެ ފުރާޅު ވަނީ އެއްލާލައިފައެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވަނީ އްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ، ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެކަމުގެ މެސެޖު ނެރެފައެވެ.

މި މެސެޖުނެރެފައިވާއިރު، ރޭ ފަތިހު 5:30 އިން ފެށިގެން މިރޭ 22:30 އަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލު މިހާރު ހުދަށް ބަދަލުކޮށްފައިވާއިރު، މިއަދުގެ ވިއްސާރާގައި ރާއްޖޭގެ އެކި ރަށްތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.