މާލެއިން ގެއްލިގެން ހޯދަމުން އަންނަ މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) ހޯދުމުގެ މަސައްކަތުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްއަޅައި ތަހުގީގް ފުޅާކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޙަސަން ޔާމީން ގެއްލިފައިވަނީ 2025 ޖުލައި 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެގެންނެވެ.
އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 ޖުލައި 14 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރުއެވެ. މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ޙަސަން ޔާމީން ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މިގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ރިޕޯޓް ލިބުމާއެކު ގެއްލިގެން ހުށަހަޅާ މީހުންގެ މައުލޫމާތު ފޯމު ފުރިހަމަކޮށް، ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅުން ހުރި ބަހާތަކާއި އެހެނިހެން މުއައްސަސާތަކަށް ވެސް އެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި ތަހުގީގުގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ފުލުހުން ބުންޏެވެ.
''މައްސަލައާއި ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާ ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން، ޢާއިލާގެ އެއްބާރުލުމާއެކު އޭނާ އުޅޭތަން ވަނީ ބަލާފާސްކޮށްފައިވާއިރު، ތުހުމަތުކުރެވޭ އެއްވެސް ކަމެއް އަދި ކުށެއްގެ އެއްވެސް ޢަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއްނުވޭ، އަދި އެ ޕާޓްމަންޓަށް އެެއްވެސް ބަދަލެއް އައިސްފައިވާކަން ފާހަގައެއް ނުކުރެވޭ'' ފުލުހުން ބުންޏެވެ.
މީގެ އިތުރުން ޔާމީން ޤައުމުން ބޭރަށް ފުރާފައިނުވާކަން ކަށަވަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް މެދުނުކެނޑި ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!