ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ އަމިއްލަ ބްރޭންޑް "ފްރޮމް މޯލްޑިވްސް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީކޮށް އިއްޔެ އިފްތިތާހުކޮށްދެއްވައިފިއެވެ.

ރައީސް މި ބްރޭންޑް އިފްތިތާހްކޮށްދެއްވާފައި ވަނީ އިނގިރޭސިވިލާތުގައި އިއްޔެ ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރޭގައެވެ.

Ad
rt

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ބްރޭންޑްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ގުޅުވާލުމާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ފައިދާ މުޖުތަމަޢަށް ކުރާނެކަން ކަށަވަރުކުރުމެވެ.

މި ބްރޭންޑްގެ ލޯގޯގައި ހިމެނެނީ ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ޤުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ޑިޒައިނެކެވެ.

"ފްރޮމް މޯލްޑިވްސް" އިން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާޢަތެއްކަމެވެ. މީގެއިތުރުން، ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަޤާފީ މުއްސަނދިކަންވެސް މި ބްރޭންޑުން ފާހަގަކޮށްދެއެވެ.

މި ބްރޭންޑް ތަޢާރަފުކުރުމަކީ ކަނޑުގެ ވަޞީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު މަސައްކަތެކެވެ. އަދި މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދާ ކުރިއެރުމެކެވެ.

މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެއް ކަމަށްވާ މި ބްރޭންޑް މެދުވެރިކޮށް، ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.