ހދ. ނޮޅިވަރަންފަރަށް އެންމެ ބޭނުންވާ ކަންކަމާއި ކުރިމަތިވެފައިވާ ގޮންޖެހުންތައް އެރަށު ކައުންސިލުން ނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފް އާއި މިއަދު ހިއްސާކޮށްފިއެވެ.

ނޮޅިވަރަންފަރު ކައުންސިލުން މިކަންކަން ނައިބު ރައީސާއި ހިއްސާކޮށްފައި ވަނީ އެކައުންސިލާއި ނައިބު ރައީސާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

Ad
rt

ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ގޮންޖެހުންތައް، ރައީސް ނައިބާ ހިއްސާކުރައްވާފައިކަމަށެވެ.

މިގޮތުން ކައުންސިލުން ވަނީ، ރަށު ސުކޫލުގެ ޖާގައިގެ ދަތިކަން ހުރުމުން ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވައި، އަލައް އެޅުމަށް ހަމަ ޖެހިފައިވާ ކުލާސްރޫމް ތަކުގެ މަސައްކަތް އަވަސް ކޮށްދިނުމަށް އެދިފައެވެ.

މީގެ އިތުރުން އަލަށް ހަދާފައިވާ ހައުސިންގ ޔުނިޓުތަކުގެ ފެނާއި ނަރުދާމާގެ މައްސަލަ ހައްލުކޮށްދިނުމަށާއި، ރަށުގައި ފަތުރުވެރިކަން ފުޅާކުރުމުގެ މުހިންމުކަން ކައުންސިލަރުން ފާހަކުރިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނޮޅިވަރަންފަރު ކައުންސިލަރުން އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ރަށުގައި ކުނި މެނޭޖުކުރާނެ ގޮތެއްނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅުކުރަން ބޭނުންވާކަމާއި ރަށުގައި އިތުރު މަސައްކަތްތަކެއް ފެއްޓުމަށް ބޭނުންވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ރައީސް އޮފީހުން ބުނީ، މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ހުސެން ވަނީ، ކައުންސިލުން ހުށަހެޅުއްވި ކަމަކަށް ސަމާލުކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.