ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމްގައި ހުންނެވި ޢަލީ މަމްދޫޙު އިމާދުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމަށް ބަދަލުކޮށްފިއެވެ.

ޢަލީ މަމްދޫހަކީ ށ. ކޮމަންޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ހިންގުންތެރި ބޭފުޅެކެވެ. މަމްދޫހްވަނީ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައެވެ.

Ad
rt

މާސްޓަރސް ފުރިހަމަކުރެއްވި ކޯހުން 1 ވަނަ ދަރިވަރުގެ ގޮތުގައި މަމްދޫހުވަނީ ސައިރަސް ކޮލެޖުގެ އޮގަރު ފާއިޒާ އެވޯޑު ހާސިލް ކުރައްވާފައެވެ. މަމްދޫހު މިހާރު ގެންދަވަނީ ޕީއެޗްޑީ ފުރިހަމަ ކުރައްވަމުންނެވެ.

ތަޢުލީމީ ބާރުތައް ރަށްފުށަށް ބަހާލުމާއި ގުޅޭ ގޮތުން މަމްދޫހު ޕީއެޗްޑީ ހައްދައިވަމުން ގެންދަވާއިރު، ތީސީސް ލިޔުއްވަމުން ގެންދަވަނީ " ލާމަރުކަޒީ ޖަޒީރާ ތަޢުލީމީ ނިޒާމަށް " މި މަޢުލޫއަށެވެ.

އެޑިޔުކޭޝަނުން މަމްދޫހު އިމާދުއްދީން ސްކޫލަށް ބަދަލުކުރައްވާފައިވަނީ، 9 ފެބުރުއަރީ 2019 އިން 1 އަހަރުގެ މުއްދަތަކަށެވެ. އެބަދަލާއިއެކު މިއަންނަ އާދީއްތަ ދުވަހުން ފެށިގެން އިމާދުއްދީން ސްކޫލްގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް ލަތީފާ އަޙްމަދުވަނީ ހިރިޔާ ސްކޫލަށް ބަދަލު ކުރަށްވާފައެވެ.

މަމްދޫޙު ފަދަ ޤާބިލު، ހިންގުންތެރި ބޭފުޅަކު ހިރިޔާ ސްކޫލާއި ވަކިވުމުން އެ ސްކޫލްގެ ޕީޓީއޭގެ އެކްސޯ މެމްބަރުންވަނީ ހިތާމަ ފާޅުކޮށްފައެވެ. އަދި ސްކޫލްގެ ސީނިއަރ މެނޭޖުމަންޓުން ވެސްވަނީ ހިތާމަ ފާޅުކޮށްފައެވެ. އެފަރާތްތަކާއި ސްކޫލްގެ ބެލެނިވެރިން ބުނީ ސްކޫލުން ގެއްލިގެން ދިޔައީ ވަރަށް ބޮޑު އެސެޓެއްކަމަށެވެ.

މަމްދޫހުވަނީ ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމް 8 އަހަރު ފުރުއްވާފައެވެ. ހިރިޔާ ސްކޫލް ހިންގުމުގައާއި، އެ ސްކޫލް ހޯދި ކާމިޔާބު ތަކުގެ ފަހަތުގައި މަމްދޫހުގެ ތަޖުރިބާއާއި، ތައުލީމީ ޤާބިލުކަމުގެ ހިއްސާ ބޮޑެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެބަދަލު ގެންނެވީ، އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ ގޮތުގައި ތިއްބެވި ޝަކީބާ އަލީ އަދި ލަތީފާ ހަސަން އެ ސްކޫލްގެ މަގާމުތަކުން ވަކިކޮށްފައިވަނިކޮށެވެ.

އިމާދުއްދީން ސްކޫލްގެ ޓީޗަރަކާއި ހަވާލާދީ މީޑިއާ ޚަބަރު ތަކުގައިވަނީ ޕްރިންސިޕަލް ޝާތިރު މަގާމުން ވަކިކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ ތެރޭގައި ޓީޗަރުންތަކެއް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅި ކަމަށެވެ. އޭގެ ފަހުން ބެލެނިވެރިން ވެސް އެކަމަށް އެެދި ޕެޓިޝަނެއް ހުށަހެޅި ކަމަށެވެ.

ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޝާތިރުގެ ކިބައިގައި ހިންގުންތެރި ކަމެއް ނެތި، ސްކޫލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުން ކަމަށް ބައެއް މީހުން ބުނާކަމަށް މީޑިއާ ޚަބަރުތައް ބުނެފައިވެއެވެ.

އެޑިޔުކޭޝަނުންވަނީ އިމާދުއްދީން ސްކޫލުން ވަކިކުރި އެ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރު ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއީއައި) އަށް އަދި އެސްކޫލުގެ އަނެއް ޑެޕިއުޓީ ޕްރިންސިޕަލް ޝަކީބާ އަލީ ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފަ އެވެ.

އިމާދުއްދީން ސްކޫލް ހިންގުން ވަގުތީ ގޮތުން މިހާރު ވަނީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާއި ހަވާލުކޮށްފަ އެވެ.